ކަންބޮޑުވުންތަކުން ސަލާމަތްވެގެން ހުންނަން ބޭނުންވާނަމަ ތިމާއަކީ ތިމާގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅުކުރައްވަވާނެ އަޅަކަށްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ކަންބޮޑުވުންތަކުން
ސަލާމަތްވެގެން ހުންނަން ބޭނުންވާނަމަ ތިމާއަކީ ތިމާގެ މަތިން ﷲ ތަޢާލާ
ހަނދުމަފުޅުކުރައްވަވާނެ އަޅަކަށްވާށެވެ!


ކޮންމެ މުސްލިމަކުވެސް ޔަޤީންކުރާނެ އެއްކަމަކީ ތިމާއާއިއެކު ﷲ ތަޢާލާ ވޮޑިގެންވާނަމަ ތިމާއަށް ދެރައެއް ދެވޭނެ މީހަކު ނުހުންނާނެ ކަމެވެ. އެކަމަކު އަހުރެމެންނަށް އެންމެ ކުޑަމިނުން ﷲ ތަޢާލާގެ މަތިން އެބަ ހަނދުމަކުރެވޭ ހެއްޔެވެ؟ ހަނދުމަނުކުރެވޭނަމަ އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވުމަށް އުންމީދުކުރެވޭނެ ގޮތެއްވެސް ނެތެވެ.  

މުޞީބާތެއް ކުރިމަތިވެއްޖެނަމަ ގިނަ ބައަކު އެންމެ ގިނައިން ދައްކަނީ މިއާޔަތުގެ ވާހަކައެވެ. ގިނަ ބައަކު މެސެޖު ކުރަނީވެސް މިއާޔަތެވެ! ހިތްވަރުދޭނީވެސް ހަމަ މިއާޔަތުންނެވެ. ވީމާ މިއާޔަތާއިމެދު ތަންކޮޅެއް ބޮޑަށް ވިސްނައިލަމާހިނގާށެވެ!  

ކޮންމެ މީހަކަށްވެސް މުޞީބާތެއް ޖެހިއްޖެނަމަ ﷲ ތަޢާލާގެ މަތިން ހަނދާންކުރަން ބޭނުންވެއެވެ! އަދި ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހާއަކީ އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަކުރައްވަވާ މީހެއް ކަމުގައި ވުމަށެވެ!

"ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ކާފިރު ނުވާށެވެ!" އަލްބަޤަރާ: 152) 

އާޔަތުގެ ކުރީބައިގެމަތިން އެވަރަށް ހަނދާންކުރާއިރު އަދިވެސް ގިނަބައަކަށް ވަނީ ފަހު ބައި މަތިން ހަނދާން ނެތިފައެވެ! ﷲ ތަޢާލާއަށް ޝުކުރުވެރިވާން ޖެހޭ ކަމާއި ދުނިޔޭގައި އުޅެން ޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަމެވެ. ﷲ ތައާލާއަށް ކާފިރު ނުވާން އޮތް ބަސްފުޅެވެ.  

މީސްތަކުންނޭވެ! ﷲ ތައާލާއަށް ކާފިރު ނުވެ ޝުކުރުވެރިވާ އަޅެއްގެ ގޮތުގައި ހުރެވޭނީ ފަރުޟު 5 ނަމާދު ފުރިހަމައަށް އަދާކޮށްގެންނެވެ! ވިސްނަންވީ އަބަދުވެސް ދެމިހުންނަންވީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ އަޅެއްގެ ގޮތުގައި ކަމެވެ. ޝުކުރުވެރިވާ އަޅެއްގެ ގޮތުގައި ކަމެވެ. 

 ޔަޤީން ކުރަންވީ އެއިރުން ތިމާގެ މަތިން ﷲ ތަޢާލާ ހަނދުމަ ކުރައްވަވާނެ ކަމެވެ. އެއްވެސް މީހަކީ އެމީހެއްގެ މަތިން ﷲ ތައާލާ ހަނދުމަކުރައްވަވާ އަޅަކު ކަމުގައި ވެވިއްޖެ ނަމަ އަބަދުވެސް ހުންނާނީ ސަލާމަތާއި އުފާފާގަތިކަންމަތީގައި ކަމެވެ!  

މަސައްކަތްކުރަންވީ ހަމައެކަނި ދަތިޙާލެއްގައި ޖެހުމުން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ އަޅަކަށް ނުވުމަށެވެ. އަބަދުވެސް ﷲ ތަޢާލާގެމަތިން ހަނދުމަކުރާ އަޅަކަށްވުމަށެވެ. ކުރިމަތިވެފައިވާ މައްސަލަތަކާއި ކުރިމަތިވާންހުރި މައްސަލަތަކުން ސަލާމަތްވުމަށްވެސް އޮތް މަގަކީ ހަމައެއީއެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން