މުސްލިމް އަޚުންނޭވެ! އިސްލާމްދީނަކީ މާތް ﷲ އަހަރެމެންނަށްޓަކައި އިޚުތިޔާރުކުރައްވައި، ފުރިހަމަކޮށްދެއްވި އެންމެ މަތިވެރި ދީނެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަން ގުޅިފައިވަނީ މި މާތް ދީނުގެ މަތިވެރި އުޞޫލުތަކާއެވެ. އިސްލާމްދީނަކީ އިންސާނާގެ ކާމިޔާބީއަށް ބޭނުންވާ އެންމެހައި އިރުޝާދުތަކެއް ފުރިހަމަވެގެންވާ ދީނެވެ. މަތިވެރި އަޚުލާޤާއި ހެޔޮ ޢަމަލުތަކުން އިންސާނާ ދުރުކުރާނޭ އެއްވެސް ކަމެއް މި ދީނުގައި ނުވެއެވެ. އިސްލާމްދީނަކީ ޤިޔާމަތާ ހަމައަށް އިންސާނިއްޔަތުގެ ބާއްޖަވެރިކަމަށް އޮތް ހަމައެކަނި މަގެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ----[1] މާނައީ: "دينއެއްގެ ގޮތުގައި إسلام دينނޫން دينއެއް އެދޭ މީހާ (ދަންނާށެވެ!) ފަހެ، އެ މީހާގެ ކިބައިން (އެ ކަން) قبولއެއް ނުކުރައްވާހުށްޓެވެ. އަދި، آخرةގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."
މިއީ ހުރިހައި ހެޔޮ ކަމަކަށް ގޮވައިލާ އަދި އެންމެހައި މުންކަރާތްތަކެއް ނަހީކުރާ ދީނެވެ. އެހެން ނަމަވެސް، ހިތާމައަކީ ބައެއް މީހުން ދީނީ ކަންކަމަށް ފަރުވާކުޑަކޮށް، މާތް ﷲ ކަނޑައަޅުއްވައިފައިވާ އިންތަކާއި މިންތަކުން ބޭރުވެ، ދީނީ ވާޖިބުތަކަށް އިހުމާލުވާ ކަމެވެ. އަދި ދީނުގެ މަތިވެރި އުޞޫލުތަކާއި އާދަކާދަތަކާ ބީރައްޓެހި ސަގާފަތްތަކާއި ނުބައި އަޚުލާޤީ މިންގަނޑުތަކަށް ތަބަޢަވާ ކަމެވެ.
މުސްލިމް އަޚުންނޭވެ! ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާންޖެހުނަސް، ނުވަތަ އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް އެދޭނޭ މީހެއް ނޫނެވެ. ކޮންމެ ފަދަ ފިތުނައެއްގެ ކުރިމަތީގައި ވެސް އޭނާ ހުންނާނީ އޭނާގެ ދީނާއި ޢަޤީދާގައި ސާބިތުވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ މުއައްޛިނެއްކަމުގައިވާ بِلَال رَضِيَ الله عَنْهއަށް ކާފިރުން ދެމުންދިޔަ އަނިޔާ އޭގެ އިންތިހާއަށް ދިޔައެވެ. އެކަލޭގެފާނުގެ މޭފުޅު މައްޗަށް ބޮޑެތި ހިލަތައް އަރުވައި މައްކާގެ ހޫނު ހިލަބިމުގައި އެކަލޭގެފާނު ދަމަމުން، އިސްލާމްދީން ދޫކޮށްލުމަށް މަޖުބޫރުކުރިއެވެ. ނަމަވެސް އެކަލޭގެފާނު ސާބިތުކަމާ އެކު ވިދާޅުވަމުން ގެންދެވީ: "أَحَدٌ أَحَدٌ" މިފަދައިންނެވެ. މާނައީ: "މާތް الله އެއްކައުވަންތައެވެ. މާތް الله އެއްކައުވަންތައެވެ." ހަމަ އެފަދައިން މާތް ޞަޙާބީއެއްކަމުގައިވާ اَلْـخَبَّابُ بْنُ الْاَرَتِّ އިސްލާމްދީން ޤަބޫލުކުރެއްވުމުން އެކަލޭގެފާނަށް ނުހަނު ބޮޑަށް އަނިޔާކުރެވުނެވެ. ނަމަވެސް އެކަލޭގެފާނު އިސްލާމްދީނުގައި ސާބިތުވެ ހުންނެވިއެވެ. މުޝްރިކުން އެކަލޭގެފާނަށް ދިން އަނިޔާތަކުގެ ތެރޭގައި، އަލިފާންގަނޑެއް ރޯކޮށް، އެ އަލިފާންގަނޑުގެ މަތީގައި އެކަލޭގެފާނު ދެމުން ހިމެނެއެވެ. އެ އަލިފާންގަނޑު ނިވުނީ އެކަލޭގެފާނުގެ ބުރަކަށިފުޅުގެ މަސްތައް ފިހިގެން ފޭބި ދިޔައިންނެވެ. މި ހުރިހައިކަމެއް ހިނގައިދިޔަ އިރު ވެސް، އެކަލޭގެފާނު ހުންނެވީ ސާބިތުކަމާ އެކުގައެވެ.
މިއީ އިންތިހާ ދަރަޖައިގެ އަނިޔާއާއި އުނދަގޫތަކާ އެކުގައި ވެސް، ފުރަތަމަ ޖީލުގެ މުސްލިމުން ދީނުގައި ސާބިތުވެ ތިއްބެވި ގޮތުގެ ބައެއް މިސާލުތަކެވެ. މީގެ އިތުރަށް، މި ދީން ހިމާޔަތްކޮށް ދީނީ ދަޢުވަތު ފެތުރުމަށް މުދަލާއި ފުރާނައިން އެ ބޭކަލުން ކުރެއްވި ޖިހާދުތައް ހަނދުމަކުރާށެވެ! އެ ބޭކަލުންގެ ތެރެއިން އެތައް ސަތޭކަ ބޭކަލުންނެއް ހަނގުރާމައިގެ މައިދާންތަކުގައި ޝަހީދުވެވަޑައިގަތީ، އެ ކަމާ އުފާކުރައްވަވާ ޙާލުގައެވެ. އަދި ކިއެއްތަ! އެ ބޭކަލުންގެ ގެދޮރާއި މުދާ ދޫކުރައްވައި، ދީނަށް ނަޞްރުދެއްވުމަށްޓަކައި ހިޖުރަކުރެއްވިއެވެ. އެއީ اللهގެ ފަޟުލުވަންތަކަމާއި ރުއްސެވުން އެދިވަޑައިގެންނެވެ. އަދި ﷲއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް ނަޞްރުދެއްވުމުގެ ގޮތުންނެވެ.
މުސްލިމް އަޚުންނޭވެ! މާތް الله އަހަރެމެންނަށް މަތިވެރިކަމާއި ޝަރަފު ދެއްވައި، ޢިއްޒަތްތެރިކުރެއްވީ މި މަތިވެރި ދީނުގެ ސަބަބުންނެވެ. މި ދީނަކީ އަހަރެމެންގެ ޢިއްޒަތުގެ ސިއްރެވެ. އަދި އެހެން ހުރިހައި އުންމަތްތަކުގެ މައްޗަށް އަހަރެމެންނަށް ލިބިފައިވާ މަތިވެރިކަމާއި ސިޔާދަތުގެ އަސްލަކީ އިސްލާމްދީނެވެ. އިސްލާމީ ތާރީޚަކީ މި ކަމުގެ އަލިގަދަ ހެތްކެކެވެ.
މުސްލިމުން އިސްލާމްދީނަށް ފުރިހަމައަށް ތަބާވެ، ދީނުގައި ވަރުގަދަޔަށް ހިފަހައްޓައިގެން ތިބި ކޮންމެ ހިނދެއްގައި، މާތް الله އެބައިމީހުންގެ ދަރަޖަ މަތިވެރިކުރައްވައެވެ. ނަމަވެސް، އެ ކަމުގައި އިހުމާލުވެ ދީނާ ދުރުހެލިވާ ވަގުތުތަކުގައި އެބައިމީހުން ނިކަމެތިވެއެވެ. މުސްލިމުން ދީނާ ދުރަށްދާ ކޮންމެ ހިނދެއްގައި، އެބައިމީހުންގެ ދުޝްމަނުން އެބައިމީހުންގެ މައްޗަށް ގަދަވެގަނެ ބާރުފޯރުވައެވެ. ދުޝްމަނުންގެ މައްޗަށް ގަދަވެގަނެ އާރާއި ބާރު ލިބޭނީ މާތް ﷲގެ ފޮތަށާއި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ ސުންނަތަށް މުސްލިމުން އަލުން އެނބުރި ރުޖޫޢަވެގެންނެވެ.
أَمِيْرُ الْـمُؤْمِنِيْنَ عُمَرُ بْنُ الْـخَطَّاب رَضِيَ الله عَنْهُ ވިދާޅުވެފައިވެއެވެ. "އަހަރެމެންނަކީ މާތް الله އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްދެއްވި ބަޔަކީމުއެވެ. އެހެންކަމުން، އިސްލާމްދީނުގެ ޢިއްޒަތް ނޫން އެހެން ޢިއްޒަތެއް ހޯދާން މަސައްކަތްކޮށްފި ނަމަ، މާތް الله އަހަރެމެން ނިކަމެތިކުރައްވާނެއެވެ."[2]
މުސްލިމް އަޚުންނޭވެ! އިސްލާމްދީނުގެ މަތިވެރި ނިޢުމަތަށްޓަކައި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ޙަމްދުކުރާށެވެ! ތިޔަބައިމީހުންގެ ބަހާއި ޢަމަލުން އިސްލާމްދީނުގެ ރީތި ސިފަތައް ދައްކުވައިދީ ދީނުގެ މަތިވެރި އުޞޫލުތަކުގައި ދެމިތިބޭށެވެ! ގޭތެރޭގައްޔާއި، ބާޒާރުތަކުގައްޔާއި، މަޖިލިސްތަކުގައި ވެސް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރާށެވެ! މާތް ﷲ އަމުރުކުރައްވައިފައިވާ ފަދައިން، މި މަތިވެރި ދީނުގެ ނޫރުން ހިތްތަކަށް އުފާވެރިކަންހޯދާށެވެ!
މުސްލިމް އަޚުންނޭވެ! އަހަރެމެން ތަބަޢަވުމަށް މާތް ﷲ އަމުރުކުރައްވައިފައިވާ މޫރިތި އިސްލާމްދީނަކީ، މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ގެނެސްދެއްވި އެންމެހައި އަމުރުފުޅުތަކާއި، ނަހީތަކުގެ މައްޗަށް ބިނާވެގެންވާ ދީނެވެ. މި ދީނުގެ އަސާސްތަކުގެ ތެރޭގައި ހަމައެކަނި ﷲއަށް އަޅުކަން ޚާއްޞަކުރުމާއި، އެކަލާނގެ އެއްކައުވަންތަކަން ޤަބޫލުކުރުމާއި، އެކަލާނގެއަށް ފުރިހަމައަށް ކިޔަމަންތެރިވެ ބޯލެނބުމުގެ އިތުރަށް، އެކަލާނގެ ފިޔަވައި އަޅުކަންކުރެވޭ އެންމެހައި ބާޠިލު އިލާހުންނާއި ތަކެތީން ބަރީއަވުން ހިމެނެއެވެ. އިސްލާމްދީނަކީ ޝިރުކާއި، ބިދުޢަތަކާއި، ދީނުގެ ތެރެއަށް އަލަށް އުފަންކުރެވޭ އެންމެހައި ކިލަނބުކަމުން ސާފުޠާހިރުވެގެންވާ ދީނެވެ. މީސްތަކުން އަމިއްލައަށް އުފައްދައިފައިވާ ޝިރުކާއި ބިދުޢަތަކަކީ އެއްވެސް މިންވަރަކަށް މި ދީނުގެ ތެރެއިންވާ ކަންކަމެއް ނޫނެވެ.
مُعاوِيَةُ بْنُ حَيْدَةَ القُشَيْرِيُّ رَضِيَ اللهُ عَنْهُ ވިދާޅުވެފައިވެއެވެ. ނަބިއްޔާ zއަށް، ތިމަން ދެންނެވީމެވެ. މާތް ﷲ ކަލޭގެފާނު ފޮނުއްވީ ކޮންކަމަކާއިގެންތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އިސްލާމްކަމާއިގެންނެވެ. ތިމަން ދެންނެވީމެވެ. އިސްލާމަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (أَنْ تُسْلِمَ قَلْبَكَ لِلَّهِ، وَأَنْ تُوَجِّهَ وَجْهَكَ لِلَّهِ، وَأَنْ تُصَلِّيَ الصَّلَاةَ الْمَكْتُوْبَةَ، وَتُؤَدِّيَ الزَّكَاةَ الْمَفْرُوْضَةَ، أَخَوَانِ نَصِيْرَانِ، لَا يَقْبَلُ اللهُ مِنْ عَبْدٍ تَوْبَةً أَشْرَكَ بَعْدَ إِسْلَامِهِ)[3] މާނައީ: "ތިބާގެ ހިތް ﷲއަށް ފުރިހަމައަށް ކިޔަމަންކުރުމެވެ. އަދި ތިބާގެ މޫނު ﷲއަށް ކުރިމަތިކޮށް ހިތްނިޔަތް ﷲއަށް ޚާލިޞްކޮށް އެއާ އެއްގޮތަށް ޢަމަލުކުރުމެވެ. އަދި ފަރުޟު ނަމާދުތައްކުރުމެވެ. އަދި ފަރުޟު ޒަކާތްދިނުމެވެ. ކޮންމެ މުސްލިމެއް އަނެއް މުސްލިމެއްގެ މައްޗަށް ޙުރުމަތްތެރިވެގެން ވެއެވެ. އެ ދެ އަޚުންނަކީ އެކަކު އަނެކަކަށް ނަޞްރުދީ ވާގިވެރިވާ ދެ އަޚުންނެވެ. އަދި އިސްލާމްވުމަށް ފަހު، (ﷲއަށް) ޝިރުކުކޮށް މުރުތައްދުވެއްޖެ އަޅެއްގެ އެއްވެސް ޢަމަލެއް، އޭނާ އެނބުރި އިސްލާމްދީނަށް ރުޖޫޢަވެއްޖައުމަށް ދާންދެން ﷲ ޤަބޫލެއް ނުކުރައްވާހުއްޓެވެ."