އެމްޓީސީސީއަށް އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމްގެ ދަށުން ދެ ސެޓިފިކޭޝަނެއް ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
އެމްޓީސީސީއަށް އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމްގެ ދަށުން ދެ ސެޓިފިކޭޝަނެއް ލިބިއްޖެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް، އެސޯސިއޭޝަން އޮފް ޗާޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ގެ "އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމް" ގެ ދަށުން ދެ އެކްރެޑިޓޭޝަނެއް ރަސްމީކޮށް ޙާޞިލުވެއްޖެއެވެ. މި ސެޓިފިކޭޝަންތައް އެމްޓީސީސީއަށް ލިބިފައިވަނީ އޭސީސީއޭގެ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމްގެ ދަށުން ކަނޑައަޅާފައިވާ ހަރުދަނާ ޝަރުތުތަކާއި މިންގަނޑުތަކަށް އެ ކުންފުނި ފުރިހަމައަށް ފެތޭކަން އެ ޖަމްޢިއްޔާއިން ދިރާސާކޮށް ކަށަވަރުކުރުމަށް ފަހުގައެވެ. އެމްޓީސީސީން މި ފަހަރު ހާސިލުކުރި ދެ ސެޓިފިކޭޝަނަކީ: އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ – ޓްރެއިނީ ޑިވެލޮޕްމަންޓް (ޕްލެޓިނަމް): މިއީ އޭސީސީއޭގެ ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރުމަށް މަސައްކަތްކުރަމުންދާ އެމްޓީސީސީގެ ޓްރެއިނީންނަށް ކުންފުނިން ދެމުންގެންދާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށްދޭ ޕްލެޓިނަމް ފެންވަރުގެ އެކްރެޑިޓޭޝަނެކެވެ. އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ – ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް: މިއީ އޭސީސީއޭ ފުރިހަމަކޮށްފައިވާ މެންބަރުންގެ ޕްރޮފެޝަނަލް ތަރައްޤީއަށް މެދުކެނޑުމެއްނެތި ފުރުޞަތުތައް ފަހިކޮށްދިނުމުގައި އެމްޓީސީސީން ދެމިއޮތްކަން ހާމަކޮށްދޭ ސެޓިފިކޭޝަނެކެވެ. މި ސެޓިފިކޭޝަންތައް ޙާޞިލުވުމަކީ އެމްޓީސީސީގެ އެކައުންޓިންގ އަދި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ޤާބިލުކަން ތަރައްޤީކުރުމަށާއި، އެ މުވައްޒަފުންގެ ޕްރޮފެޝަނަލް ކުރިއެރުމަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުންފުނިން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ މުހިންމު ކާމިޔާބީއެއް ކަމުގައި އެމްޓީސީސީގެ މެނޭޖްމަންޓުން ފާހަގަކުރެއެވެ. އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިމަގުގައިވެސް އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، ބައިނަލްއަޤްވާމީ ފެންވަރުގެ ޕްރޮފެޝަނަލް މިންގަނޑުތަކަށް ވާސިލުވުމަށް މުވައްޒަފުންނަށް ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގައި ދެމިއޮތުން ކަމަށެވެ

މިއަދު އޮންލައިން