11 އަހަރަށްފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު: ޕާކިސްތާނުގެ ބޮޑު މާކެޓުގެ ފައިދާ ރާއްޖެއަށް ހޯދުމުގެ ފުރުސަތު ފަހިވެއްޖެ: ތަރުޖަމާނު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 30ސ
11 އަހަރަށްފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު: ޕާކިސްތާނުގެ ބޮޑު މާކެޓުގެ ފައިދާ ރާއްޖެއަށް ހޯދުމުގެ ފުރުސަތު ފަހިވެއްޖެ: ތަރުޖަމާނު

11 އަހަރަށްފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން އެކި ދާއިރާތަކެއްގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ހޯދުމުގެ ފުރުސަތު ރާއްޖެއަށް ފަހިވެގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.

މިމަހުގެ 20 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފުގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ތާރީޚީ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މުހިންމު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. ޚާއްޞަކޮށް ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިސްނަންގަވައިގެން ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައިވާކަން އިސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

އިޤުތިޞާދީ ބޮޑު އާބާދީއެއް އޮތް ޕާކިސްތާނާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ މިންވަރު މިހާރު ކުޑަކޮށް އޮތް މައިގަނޑު ސަބަބަކީ ދަތުރުފަތުރުގެ ނިޒާމު ނެތުން ކަމަށް އިސް ތަރުޖަމާނު ވިދާޅުވިއެވެ. ނަމަވެސް، މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރު ފެށުމަށް ވަނީ ނިންމާފައެވެ. މި ނިންމުމާއެކު ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ޕާކިސްތާނުގެ ސިޓީތަކަށް ދަތުރުތައް ފެށުމުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

ދަތުރުފަތުރުގެ ދަތިތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިސް ތަރުޖަމާނު ވިދާޅުވީ، "މިހާރުވެއްޖެއްޔާމުން ދުބާއީ، މިކަހަލަ މަންޒިލްތަކަށް އެބޭފުޅުން ދަތުރުކުރައްވަނީ. ދެން ރާއްޖެއަށް ދަތުރުނުކުރާ ސަބަބަކީ ރާއްޖެއަށް ފަސޭހައިން ވަޑައިނުގެންނެވޭތީވެ އެބޭފުޅުންނަށް. މިހާރު ރާއްޖެއަށް އަންނަންޏާ މި އަންނަންޖެހެނީ މެދުއިރުމަތީގެ ކޮންމެވެސް ޤައުމަކަށް ގޮއްސަ ޓްރާންސިޓް ކޮށްފަ، ނޫނީ ސްރީލަންކާއަށް ގޮއްސަ ޓްރާންސިޓް ކޮށްފަ، ސިލޯނަށް ދަތުރުއޮވެ ރާއްޖެއަށް އަންނަނީ. އެހެންވީމަ މިކަން ފާހަގަކުރެއްވުނު އެބޭފުޅުންނަށްވެސް. ވިދާޅުވި މީ ރަނގަޅުކުރަންޖެހޭ ފުރަތަމަ ކަމޭ،" މިހެންނެވެ.

ވައިގެ ދަތުރުފަތުރުގެ އިތުރުން، ޕާކިސްތާނުގެ ގުވާދަރު ޕޯޓާއި މާލެއާ ދެމެދު ކަނޑުމަގުން މުދާ އުފުލުމުގެ ނިޒާމެއް ޤާއިމުކުރުމަށް މި ދަތުރުފުޅުގައި ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ ސަބަބުން ހެޔޮ އަގުގައި ފެންވަރު ރަނގަޅު ތާޒާ މޭވާއާއި ތަރުކާރީ އަދި ކާބޯތަކެތި ރާއްޖެއަށް އެތެރެކުރެވި، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް އިސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ދުނިޔޭގެ ފެންވަރުގެ ފާމަސޫޓިކަލްސް އުފައްދާ ޕާކިސްތާނުން ފެންވަރު ރަނގަޅު ބޭސް އެތެރެކުރުމުގެ މަގުވެސް ތަނަވަސްވެގެންދާނެއެވެ.

މި ދަތުރުފުޅުގެ ހަވާސާގައި ބޭއްވުނު ބިޒްނަސް ފޯރަމްގައި ދެ ޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރެވި، އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވިފައިވާ ކަމަށާއި، ރާއްޖޭގެ އިޤުތިޞާދު ފުޅާކުރުމަށް މި ދަތުރުފުޅުގެ ސަބަބުން މުހިންމު ކުރިއެރުންތަކެއް ލިބިގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން