ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އޮތީ އިސްލާމީ އުޚުއްވަތްތެރިކަމާއި، ސަގާފީ އެއްގޮތްވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެކެވެ. ދިގު 11 އަހަރުގެ މެދުކެނޑުމަކަށްފަހު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅަކީ ދެ ޤައުމުގެ ޚާރިޖީ އަދި ތަރައްޤީގެ ގުޅުމަށް އައު ފުރާނައެއް ގެނުވި ތާރީޚީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅަކީ ހަމައެކަނި ޑިޕްލޮމެޓިކް ބައްދަލުވުމެއްގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އަމަލީ ގޮތުން އެތައް ކަމެއް ޙާސިލުކުރުމަށް އެޅުނު ވަރުގަދަ ބިންގަލެކެވެ.
މި ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގޮތުން އޮތް ގުޅުން ފުޅާ ދާއިރާއެއްގައި ފުޅާކުރުމަށް ކަނޑައެޅުނު ލަނޑުދަނޑިތަކެވެ. މިހާރު ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވޭ 13 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 200 މިލިއަން އެމެރިކާ ޑޮލަރަށް އުފުލުމަށް ދެގައުމުގެ ލީޑަރުން ވަނީ ވަރުގަދަ އަޒުމެއް ކަނޑައަޅުއްވާފައެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ދެ ޤައުމުގެ ކަމާބެހޭ ވަފުދުތަކުގެ ބައްދަލުވުންތައް ވިލަރެސްކުރެވެމުންދާއިރު، ދާދި އަވަހަށް ޕާކިސްތާނުގެ ވިޔަފާރި ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. ޚާއްސަކޮށް، ރާއްޖޭގެ އެސް.ޓީ.އޯ އާއި ޕާކިސްތާނުގެ ޓީ.ސީ.ޕީ އާ ދެމެދު ވެވުނު އެއްބަސްވުމުގެ ސަބަބުން ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ބާވަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ. ދެ ޤައުމުގެ ރައްޔިތުންނާއި ވިޔަފާރިވެރިން ގުޅުވައިދޭ މައިގަނޑު ވަސީލަތަކީ ދަތުރުފަތުރުގެ ނިޒާމެވެ. ޤައުމީ އެއާލައިން މެދުވެރިކޮށް ސީދާ ވައިގެ ދަތުރުތައް ފެށުމަށާއި، ކަނޑުމަގުން މުދާ އުފުލޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެއްބަސްވެވުމަކީ ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދާނެ ކަމެކެވެ. މީގެ ސަބަބުން ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ބާޒާރަށް ޕާކިސްތާނުގެ ފަތުރުވެރިން ޝައުޤުވެރިކުރުވުމަށާއި، ދެ ޤައުމުގެ ސަގާފީ އެއްގޮތްވަންތަކަމުގެ ތެރެއިން މުސްލިމް-ފްރެންޑްލީ ޓޫރިޒަމް ފުޅާކުރުމަށް ރަނުގެ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. ހަމައެއާއެކު، ދިވެހި ދަރިވަރުންނާއި ވިޔަފާރިވެރިންނަށްވެސް ދަތުރުފަތުރުގެ ލުއިފަސޭހަކަން ލިބިގެންދާނެއެވެ. ޒުވާނުން ބިނާކުރުމަކީ މި ދަތުރުފުޅުގައި ޚާއްސަ އިސްކަމެއް ދެވުނު ދާއިރާއެކެވެ. ޕާކިސްތާނު ސަރުކާރުން ވަނީ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ފުރަތަމަ ޑިގްރީގެ 20 އިތުރު ސްކޮލަޝިޕް ދިނުމަށް ނިންމާފައެވެ. އަދި ޓިވެޓް އާއި މަތީ ތައުލީމުގެ ދާއިރާއިން ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ޒުވާނުންނަށް ހުނަރުވެރި ފުރުސަތުތައް ފަހިވާނެއެވެ. ސިއްހީ ދާއިރާއަށް ބަލާއިރު، ފަންނީ މުވައްޒަފުން ހޯދުމާއި، ބޭސްފަރުވާގެ މިންގަނޑުތައް ހަރުދަނާކުރުމަށް އެމް.އެފް.ޑީ.އޭ އަދި ޕާކިސްތާނުގެ ''ޑްރެޕް'' އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމަކީ ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި ޕާކިސްތާނުގެ އެއްބާރުލުން ފާހަގަކޮށްލެވެއެވެ. ރައީސް ޑރ. މުއިއްޒުގެ "5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު" އަށް އެހީވުމުގެ ގޮތުން ޕާކިސްތާނުން 100،000 އޮލިވް ގަހާއި، އެކި ބާވަތްތަކުގެ 100،000 އޮށް ދިނުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެއް މިލިއަން ގަސް އުފެއްދޭނެ ނާސަރީތައް ބިނާކުރުމުގައި ޕާކިސްތާނުގެ ތަޖުރިބާކާރުން އެހީތެރިވެދޭނެއެވެ. މި އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރު ޝަރީފަށް އިޚްލާސްްތެރި ޝުކުރު އަދާކުރައްވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، އެކި ދާއިރާތަކުން ޖުމްލަ 20 ފަހުމުނާމާއެއްގައި ރަސްމީކޮށް ވަނީ ސޮއިކުރައްވާފައެވެ. އެގޮތުން:
1. ޓެކްނޮލޮޖީއާއި އައު އީޖާދުތައް ކުރިއެރުވުމަށް
2. މަސްތުވާތަކެތީގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް މަސައްކަތްކުރުމަށް
3. އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް
4. ބޭސް ރެގިއުލޭޓްކުރުމުގެ ދާއިރާއިން އެމް.އެފް.ޑީ.އޭ އާއި ޑްރެޕްގެ އެއްބާރުލުން އިތުރުކުރުން
5. ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް
6. ދެ ޤައުމުގެ ދިފާއީ ގުޅުން ބަދަހިކުރުމަށް
7. ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް
8. އިޤްތިސާދީ އަދި ތައުލީމީ ދާއިރާއަށް
9. ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް
10. ވައިގެ ދަތުރުފަތުރުގެ ގުޅުން ބަދަހިކޮށް ސީދާ ދަތުރުތައް ފެށުމަށް
11. ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ތަރައްޤީކުރުމަށް
12. ފަންނީ އަދި މަސައްކަތްތެރިކަމުގެ ތައުލީމު ފުޅާކުރުމަށް،
13. މަތީ ތައުލީމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް
14. މޫސުމީ ބަދަލުތަކުން ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް
15. ސިވިލް ސަރވިސް ހަރުދަނާކޮށް ތަމްރީނު ފޯރުކޮށްދިނުމާ ގުޅޭ ދެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މީގެއިތުރުން ޒުވާނުންނާއި ކުޅިވަރު، ފަތުރުވެރިކަން، ޘަޤާފަތާއި ތަރިކަ، އަދި މފަހުމުނާމާތަކުގައި ވަނީ ސޮއިކުރައްވާފައެވެ. އަދި ފުލުހުން ތަމްރީނުކުރުމުގެ ދާއިރާއިންނާއި، އެސް.ޓީ.އޯ މެދުވެރިކޮށް ދަނޑުވެރިކަމާއި ކާބޯތަކެތީގެ ވިޔަފާރި ފުޅާކުރުމަށްޓަކައި ވަނީ ޕާކިސްތާނުގެ ކަމާގުޅޭ އިދާރާތަކާއެކު އެއްބަސްވުންތައް ބަދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި މި ތާރީޚީ ޒިޔާރަތަކީ ދެ ޤައުމުގެ ޒަމާންވީ އެކުވެރިކަމަށް އައު ދިރުމެއް ގެނުވައި، ދޭދޭ ގުޅުންތައް އިތުރު ހަރުފަތަކަށް އުފުލައިދިން ދަތުރުފުޅެކެވެ. ސޮއިކުރެވުނު 20 ފަހުމުނާމާއާއި، ކަނޑައެޅުނު އިޤްތިސާދީ ލަނޑުދަނޑިތަކުގެ ސަބަބުން ސަރަހަައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ މަސްލަހަތުތައް ހިމާޔަތްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. މި އެއްބަސްވުންތަކުގެ ހަޤީޤީ މަންފާ އަމަލީ ގޮތުން ފެނި، ދެ ޤައުމުގެ ރައްޔިތުންނަށް އޭގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ލިބެމުންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.