ކައިވެނިކުރުމަކުން ނުނިމެއެވެ! ﷲ ރުއްސަވާ ކައިވެންޏަކީ އަމާންކަމާއި ހިތްހަމަޖެހުން އޮތް ދިރިއުޅުމެކެވެ!: ޑރ. ޝައިޚާ ހައިފާ ޔޫނުސް

ކިޔުމަށް ހޭދަވާނީ 2މ 18ސ
ކައިވެނިކުރުމަކުން ނުނިމެއެވެ! ﷲ ރުއްސަވާ ކައިވެންޏަކީ އަމާންކަމާއި ހިތްހަމަޖެހުން އޮތް ދިރިއުޅުމެކެވެ!: ޑރ. ޝައިޚާ ހައިފާ ޔޫނުސް

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ ތަޢާލާ ވަނީ ހުރިހާ އެއްޗެއް ޖޯޑުޖޯޑަށް އުފައްދަވާފައެވެ. ފިރިހެން އަދި އަންހެން ޖިންސުންނެވެ. ގަސްގަހާގެއްސާއެކުގައެވެ. ދެން އެކަލާނގެ އިރާދަކުރެއްވީ އިންސާނާވެސް ޖޯޑުޖޯޑަށް އުފެއްދެވުމަށެވެ.  

އަޅުގަނޑުމެން އަންހެނުން އަބަދުވެސް ހީކުރަނީ ފިރިހެނުން މާތްކޮށް، ނުވަތަ އެމީހުންނަށް އިސްކަންދެވިފައިވާ ކަމަށެވެ. ނަމަވެސް ﷲ ގެ ޙަޟްރަތުގައި އަޅުގަނޑުމެން ދެޖިންސަކީ ހަމަހަމަ ދެޖިންސެވެ. ނަމަވެސް އަޅުގަނޑުމެންނަކީ އެއްގޮތް ދެޖިންސެއް ނޫނެވެ. "ފިރިހެނާ އަންހެނާއާ އެއްގޮތެއް ނޫނެވެ." މިއީ ވަރަށް ބޮޑަށް ބަހުސްކުރެވޭ މައުޟޫޢެކެވެ. ﷲ އަޅުގަނޑުމެންނަށް އިރާދަކުރެއްވި ގޮތާމެދު ވިސްނަންޖެހެއެވެ.

ﷲ ތަޢާލާ އަޅުގަނޑުމެން އުފެއްދެވީ ފިރިހެނަކާއި އަންހެނެއްގެ ގޮތުގައެވެ. ސޫރަތުއްނިސާގައި ވަނީ "އެއް ނަފްސުން" އުފެއްދެވި ވާހަކައެވެ. ސުވާލަކީ ﷲ ދެޖިންސް އުފެއްދެވީ ކީއްވެގެންހެއްޔެވެ؟ އެއީ ﷲ ކަންކަން ރާއްވަވާފައިވާ އިލާހީ އުޞޫލެވެ. އެކަލާނގެއީ ޙިކުމަތްވަންތަ، އެންމެހައި ކަންކަން ދެނެވޮޑިގެންވާ އިލާހެވެ. މި ދެބައިކުޅައެއްބައި (ދެޖިންސް) ބައްދަލުވުމުގެ މަޤްޞަދަކީ، އަމާން ދިރިއުޅުމަކާއި، ހަށިގަނޑާއި ރޫޙަށް ހިތްހަމަޖެހުމާއި އަރާމު ލިބުމެވެ. ކައިވެނީގެ ޙަޤީޤީ މަޤްޞަދަކީ އެއީއެވެ.

ކައިވެނިކޮށްގެން ތިބި މީހުން އަޅުގަނޑުމެންނަށް ބަލާފައި ބުނެފާނެއެވެ: "އެފަދަ ހިތްހަމަޖެހުމެއް ކޮބައިހެއްޔެވެ؟" ﷲ ރުއްސަވާ ކައިވެންޏަކީ އަމާންކަމާއި ހިތްހަމަޖެހުން އޮތް ދިރިއުޅުމެކެވެ. އަމާން ދިރިއުޅުމަކީ އެކަކު އަނެކަކަށްވުރެ ދަށްވުމެއް ނުވަތަ މަތިވެރިވުމެއް ނޫނެވެ. ދެވަނަ ކަމަކީ، ޢިއްފަތްތެރިކަމާއި ޠާހިރުކަން ރައްކާތެރިކުރުމެވެ. ހުޅަނގުގެ ދުނިޔޭގައި ކައިވެނީގެ ނިޒާމު ހަލާކުވުމުން، ޢިއްފަތްތެރިކަން ގެއްލިގެންދިޔައެވެ. އަޅުގަނޑު ޑޮކްޓަރެއްގެ ގޮތުގައި އަމިއްލަ ކްލިނިކުގައި މަސައްކަތްކުރިއިރު، މުސްލިމް ނޫން ބައެއް ބަލިމީހުން ބަނޑުބޮޑުވެގެން އައުމުން ބައްޕަގެ ނަން އެހުމުން "ނޭނގެއޭ" ބުނެއެވެ. ނުވަތަ ކިތައް ބައިވެރިންނާ އެކީގައި އުޅުނިންތޯ އެހުމުން "ގުނަންވެސް ނޭނގެއޭ" ބުނެއެވެ. މިއީ އިސްލާމީ ގޮތެއް ނޫނެވެ. ކައިވެންޏަކީ ސާފުޠާހިރު ގޮތުގައި އިންސާނީ ނަސްލު ދެމެހެއްޓުމަށް އޮތް މަގެކެވެ. އުފަންވާ ކުއްޖާއަށް މަންމައާއި ބައްޕަގެ އަޅާލުން ބޭނުންވެއެވެ. ޢާއްމު އުޞޫލަކީ އެއީއެވެ. 

ދެން ބައްލަވާށެވެ! ފިރިމީހާ އަނބިމީހާއަށް، އަދި އަނބިމީހާ ފިރިމީހާއަށް ބަލަންވީ ކިހިނެއްހެއްޔެވެ؟ ސޫރަތުލް ބަޤަރާގައި ﷲ ތަޢާލާ ވަނީ ދެމަފިރިންގެ މި ގުޅުމަށް "ލިބާސް" (ފޭރާމުގެ) މިސާލު ބޭނުންކުރައްވާފައެވެ. ފޭރާމެއްގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ނިވާކުރުމެވެ. ރައްކާތެރިކުރުމެވެ. ޒީނަތްތެރިކުރުމެވެ. އަދި އަރާމު ފޯރުކޮށްދިނުމެވެ. ދެމަފިރިންގެ ގުޅުން އޮންނަންޖެހޭނީ މިފަދައިންނެވެ. ޙާލަތު ގޯސްވިޔަސް އަދި ރަނގަޅުވިޔަސް، އެކަކު އަނެކަކަށް ނިވާފަތިގަނޑަކަށް، ރައްކާތެރިކަމަކަށް އަދި އަރާމަކަށް ވާންޖެހެއެވެ.

 

- ޑރ. ޝައިޚާ ހައިފާ ޔޫނުސްގެ ދަރުސަކުން

މިއަދު އޮންލައިން