ބައްޕަގެ ދަރަޖައާ ދަރިން ދެކެ ލޯބިވާނަމަ ދަރިންނަށްޓަކާ ބައްޕަ އަދާކުރަންޖެހޭ ދައުރު!: ޝައިޚް އަޒީޒު ބިން ފަރުޙާން އަލްޢަންޒީ

ކިޔުމަށް ހޭދަވާނީ 2މ 34ސ
ބައްޕަގެ ދަރަޖައާ ދަރިން ދެކެ ލޯބިވާނަމަ ދަރިންނަށްޓަކާ ބައްޕަ އަދާކުރަންޖެހޭ ދައުރު!: ޝައިޚް އަޒީޒު ބިން ފަރުޙާން އަލްޢަންޒީ

ޢާއިޝަތު ރަފާޙް ޢަލީ

 

އަޚުންނާއި އުޚްތުންނޭވެ! ބައްޕައިންނާއި، މަންމައިންނާއި، ފިރިހެން ދަރިންނާއި، އަންހެން ދަރިންނޭވެ! ބައްޕައަކީ ހަމައެކަނި ދަތުރުފަތުރުކުރާ ވަސީލަތެއް ނޫނެވެ. އަދި ބޭންކު ކާޑެއްވެސް ނޫނެވެ. އަދި މަސް ނިމުމުން ވަޒީފާ ނިމޭ މުވައްޒަފެއްވެސް ނޫނެވެ. މިއީ އެންމެންނަށް އޮތް މެސެޖެކެވެ. 

ބައްޕައަކީ ނަމޫނާއެކެވެ. ބައްޕައަކީ ރައްކާތެރިކަމާއި އަމާންކަމެވެ. ބައްޕައަކީ ރިސާލަތެކެވެ. ބައްޕައަކީ ތަރުބިއްޔަތާއި، މަގުދެއްކުމާއި، އޯގާތެރި ބެލެހެއްޓުމެވެ. ބައްޕައަކީ އޭނާގެ ޢާއިލާ މާތްﷲގެ މަގަށް ގެންގޮސްދޭ މީހާއެވެ. ބައްޕައަކީ، ﷲގެ އިޒުނަފުޅާއެކު، އޭނާގެ އާއިލާގެ އީމާންކަމާއި އަޚުލާޤު ރައްކާތެރިކޮށް، ގޭތެރޭގައި އެކަށީގެންވާ މާޙައުލެއް އުފައްދައި، ނަމާދާއި ކިޔަމަންތެރިކަމަށް މަގުފަހިކޮށްދޭ މާޙައުލެއް ﷲގެ އިޒުނަފުޅާއެކު ޤާއިމުކޮށްދޭ މީހާއެވެ. ބައްޕައަކީ ދަނޑުވެރިކަންކޮށް (ދަނޑުހައްދައި)، އިންދުމުގެ ކުރިން އެ ދަނޑު ރައްކާތެރިކޮށް އިޞްލާޙުކުރާ މީހާއެވެ. 

އެހެންކަމުން، އެންމެންވެސް ބައްޕައަށް އެހީތެރިވެ، އޭނާއަށް އިޙްތިރާމްކޮށް، އޭނާގެ މަތިވެރި ރިސާލަތު ފުރިހަމަކުރުމުގައި އެއްބާރުލުން ދޭންޖެހެއެވެ. 

އެހެންކަމުން، ބައްޕައަށް އަޅުގަނޑު ދޭ މެސެޖަކީ؛ ތިބާގެ ދަރިންނަށްޓަކައި ހޯދައިދިނީ ކޮންއެއްޗެއްތޯ އަބަދުވެސް އަމިއްލަ ނަފްސާ ސުވާލުކުރާ ފަދައިން، އެކުދިންނަށްޓަކައި ތައްޔާރުކުރީ (ތަރުބިއްޔަތުކުރީ) ކޮންއެއްޗެއްތޯވެސް އަމިއްލަ ނަފްސާ ސުވާލުކުރާށެވެ. ދަރިންގެ ތަޢުލީމާއި ވަޒީފާއާމެދު، އެކުދިންގެ ދުންޔަވީ މުސްތަޤްބަލުގެ ބުރަ އުފުލުމަށް އަބަދުވެސް ވިސްނާ ފަދައިން، އާޚިރަތުގައި އެކުދިންނަށް އޮތް މުސްތަޤްބަލާމެދުވެސް ވިސްނާށެވެ. 

އަދި ތިބާ މަރުވުމަށްފަހު އެކުދިންނަށްޓަކައި ގެދޮރާއި، މުދަލާއި، ތަކެތި ދޫކޮށްދިއުމަށް ސަމާލުކަންދޭ ފަދައިން، އެކުދިންގެ ހިތްތަކުގައި އީމާންކަމާއި، އަޚުލާޤާއި، ސާބިތުކަމާއި، ނަފްސުތަކުގައި މާތްﷲ މަތިވެރިކުރުން އަށަގަންނުވައި ދޫކޮށްދިއުމަށް ސަމާލުކަންދޭށެވެ. 

ބައެއް ބައްޕައިން އެމީހުންގެ ދަރިންނަށްޓަކައި ގިނަގުނަ މުދާ ދޫކޮށްފާނެއެވެ. ނަމަވެސް އެކުދިންގެ ހިތްތަކުގައި އީމާންކަމެއް ދޫކޮށެއް ނުދެއެވެ. އަދި އެ އީމާންކަން ރައްކާތެރިއެއްވެސް ނުކުރެއެވެ. 

އަދި އަނެއްބައި ބައްޕައިން އެކުދިންނަށްޓަކައި ދުންޔަވީ ގިނަ މުދާތަކެއް ދޫކޮށް ނުދިޔަ ކަމުގައިވީނަމަވެސް، އެކުދިން އަބަދުމެ ޤާއިމުކުރާނެ ނަމާދަކާއި، އަބަދުވެސް ކިޔަވާނެ ކީރިތި ޤުރްއާނާއި، ބަދަލުނުވާނެ ރީތި އަޚުލާޤަކާއި، އެކުދިން ތިބި ކޮންމެ ތަނެއްގައިވެސް އެކުދިންނާއެކުވާ މާތްﷲގެ ރައްކާތެރިކަމާއި ހިތްހަމަޖެހުން ދޫކޮށްދެއެވެ.

ފަހެ، މި ދެ ތަރިކައިގެ ތެރެއިން މަތިވެރިވެގެންވަނީ ކޮން ތަރިކައެއް ހެއްޔެވެ؟ ތިބާގެ ދަރިންނަށްޓަކައި ދޫކޮށްދެވޭނެ އެންމެ މަތިވެރި އެއްޗަކީ، އެކުދިންގެ އަތްމައްޗަށް ދޫކޮށްދޭ އެއްޗެއް ނޫނެވެ. ނަމަވެސް އެކުދިންގެ ހިތްތަކުގައި ބިނާކޮށްދޭ އެއްޗެކެވެ.


- ޝައިޚް އަޒީޒު ބިން ފަރުޙާން އަލްޢަންޒީގެ ދަރުސަކުން

 

 

މިއަދު އޮންލައިން