ބޯކޮށް ވާރޭވެހި، ހދ.ކުޅުދުއްފުށި ސިޓީއާއި ޅ.ނައިފަރު އަދި ހއ.ތަކަންދޫގައި ފެންބޮޑުވެފައިވާތީ، ވެލިބަސްތާ ޖެހުމާއި، ފެންހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެގޮތުން ހދ.ކުޅުދުއްފުށީ ސީޓީގައި ކައުންސިލާއި ފުލުހުންނާއި، މޯލްޑިވްސް ރެޑްކްރޮސެންޓާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ސިފައިން ވަނީ 3 ސަރަހައްދެއްގައި ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތްކޮށްފައެވެ. މި ވިއްސާރާގައި ޅ.ނައިފަރުގައި ފެންބޮޑުވެގެން ޕަންޕު ބޭނުންކޮށް އެ ރަށުގެ 4 ސަރަހައްދެއްގައި ފެން ހިންދުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެއެވެ. މީގެ އިތުރުން މި ވިއްސާރާގައި ހއ.ތަކަންދޫގައި ވެސް ފެން ބޮޑުވެފައިވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ސިފައިން ވަނީ އެ ރަށަށް ގޮސް އެ ރަށުގެ ކައުންސިލާ ގުޅިގެން ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފެންބޮޑުވެފައިވާ ސަރަހައްދުން މޫދަށް ކޯރެއް ކަނޑައި، އިތުރަށް ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިންނާއި އޮކްސިލަރީ ފަޔަރ މަނުން ވަނީ ހަރަކާތްތެރިވެފައެވެ. މިހާރު ކުރަމުންދާ ވިއްސާރާގައި އުތުރުގެ ގިނަ ރަށްތަކަކަށް ވިއްސާރައިގެ އަސަރު ދަނީ ކުރަމުންނެވެ.