ކާރިސާތަކުގައި ލިބޭ ގެއްލުން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަކީ އެންމެ އިސްކަމެއްދޭ ކަންތައް: އެންޑީއެމްއޭ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 27ސ
ކާރިސާތަކުގައި ލިބޭ ގެއްލުން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަކީ އެންމެ އިސްކަމެއްދޭ ކަންތައް: އެންޑީއެމްއޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދިމާވާ އެކި ކާރިސާތަކާއި ހާދިސާތަކުގައި ލިބޭ ގެއްލުންތައް ވަގުތުން ދެނެގަނެ، ހާލުގައި ޖެހޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ އޮތޯރިޓީން އެންމެ އިސްކަންދޭ ކަންތައް ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

އެންޑީއެމްއޭއިން މިފަދައިން ވިދާޅުވީ، ވިއްސާރައާ ގުޅިގެން އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ.

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެންޑީއެމްއޭގެ ޑިރެކްޓަރ ޕޮލިސީ އެންޑް ޕްލޭނިންގ ކާޝިފް ނަސީރު ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ޙާލަތު ވަރަށް ގާތުން ބަލައި ދެނެގަންނަމުންދާ ކަމަށެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުން ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، އެ އޮތޯރިޓީގެ އެމަރޖެންސީ މެނޭޖްމަންޓު ޓީމުތައް މެދުނުކެނޑި ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކާޝިފް ވިދާޅުވި ގޮތުގައި، ވިއްސާރައިގައި ފެންބޮޑުވެ ފެން ހިންދުމުގެ މަރުހަލާ ނިމުމުން، ލިބުނު ގެއްލުންތައް ދެނެގަތުމަށް ކައުންސިލްތަކާ ގުޅިގެން ޚާއްސަ އެސެސްމަންޓުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. އަދި ކައުންސިލްތަކުން އެސެސްމަންޓު ރިޕޯޓްތައް ލިބުމާއެކު، ލިބުނު ގެއްލުންތައް ވަޒަންކޮށް، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ހަމަޖައްސައިދިނުމުގެ މަސައްކަތް ވީހާވެސް ހަލުވިކަމާއެކު ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެންޑީއެމްއޭގެ މަސައްކަތްތައް ބައްޓަންކުރެވިފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ކާޝިފް ވިދާޅުވީ، މިވަގުތު މައިގަނޑު ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުންދަނީ ގެތަކަށާއި ގޭގައި ހިފައިގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުންތަކަށް ކަމަށެވެ. އެގޮތުން ގެއަކަށް ފެންވަދެގެން އެހެން ތަނަކަށް ބަދަލުކުރަންޖެހޭ ހާލަތްތަކުގައި އެންމެ ފުރަތަމަ އިސްކަންދެނީ އަވަހަށް ފެން ހިންދައި އަލުން ގެއަށް ބަދަލުވެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. ނަމަވެސް އެގޮތަށް ގެއަށް ވަދެވޭވަރު ނުވާ ހާލަތްތަކުގައި، ގެސްޓްހައުސްތަކާއި ސްކޫލް ނުވަތަ އެފަދަ އެކަށީގެންވާ ތަންތަނުގައި ވަގުތީ ބޯހިޔާވަހިކަމުގެ އިންތިޒާމުތައް ހަމަޖައްސައިދޭ ކަމަށް ވިދާޅުވިއެވެ.

ކާރިސާތަކަށް ރަށްރަށް ކުރިއާލައި ތައްޔާރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ކާޝިފް ވިދާޅުވީ، އެ އޮތޯރިޓީގެ ކޮމިއުނިޓީ ރެޒިލިއަންސް ބިލްޑިންގ ޕްރޮގްރާމްގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ރަށްރަށުގެ ޑިޒާސްޓަރ މެނޭޖްމަންޓު ޕްލޭން އެކުލަވާލުމާއި، ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމުތައް (ސާރޗް އެންޑް ރެސްކިއު ޓީމުތައް) އުފެއްދުމުގެ މަސައްކަތް މިހާތަނަށް މީހުން ދިރިއުޅޭ 72 ރަށެއްގައި ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން