ދެމެހެއްޓެނިވި އިޤުތިޞާދެއް ބިނާކުރުމުގެ ބިންގަލަކީ ހަރުދަނާ އެކައުންޓެންސީ ދާއިރާ ކަމަށް ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިންސްޓިޓިއުޓް އޮފް ޗާޓާރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން އިންތިޒާމުކޮށްގެން ބޭއްވި "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2026" ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އަހަރުގެ ފޯރަމްގެ ޝިޢާރަކީ "ނެވިގޭޓިންގ ޗޭންޖް، ބިލްޑިންގ ރެޒިލިއަންސް" އެވެ.
ދެމެހެއްޓެނިވި އިޤުތިޞާދެއް ބިނާކުރުމަށް އެދޭ ކޮންމެ ޤައުމެއްގެ ސިޔާސަތުތައް ބިނާވާންޖެހޭނީ އިތުބާރާއި، ޒިންމާދާރުކަމާއި، ވަސީލަތްތައް ހެޔޮގޮތުގައި ބެލެހެއްޓުމުގެ މައްޗަށް ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިކަމުގެ އަސާސީ ބިންގަލަކީ ހަރުދަނާ އެކައުންޓެންސީ ދާއިރާއެއް ކަމަށެވެ. އަދި އެކައުންޓިންގއަކީ ހަމައެކަނި އާންމު ފައިސާ ޒިންމާދާރުކަމާއެކު ބެލެހެއްޓުމާއި ވިޔަފާރީގެ ރަނގަޅު ނިންމުންތައް ނިންމުމެއް ނޫން ކަމަށާއި، އެއީ އިންވެސްޓަރުންގެ އިތުބާރު ހޯދައި އިޤުތިޞާދީ ހިންގުން ހަރުދަނާކޮށްދޭ އެންމެ މުހިންމު އެއް ބަހާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޤައުމު ދަތުރުކުރަމުންދާ މިސްރާބާ މި އަހަރުގެ ފޯރަމްގެ ޝިޢާރު ވަރަށް ބޮޑަށް ގުޅޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު އާމްދަނީ އިތުރުކުރުމަށާއި ދަރަނި ދެމެހެއްޓެނިވި މިންގަނޑަކަށް ގެނައުމަށް ފެއްޓެވި އިޞްލާޙީ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.
އެގޮތުން ވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން 1.4 ބިލިޔަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގައިވެސް ދަރަނި އަދާކުރި އެންމެ ބޮޑު މިންވަރު ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މި ފިޔަވަޅުތަކުގެ ސަބަބުން ފިޗް ރޭޓިންގްސް އާއި މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދަރަނި އަދާކުރުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ނަމަވެސް، ޙަޤީޤީ ވިލުންތެރިކަމަކީ ހަމައެކަނި ވަގުތުން ވަގުތަށް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުން ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ މައިގަނޑު އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަޞައްވުރަށް ވާޞިލުވުން ކަމަށް ވިދާޅުވަމުން ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވިއެވެ.