ރަސްމާލެ މަޝްރޫޢަކީ ދައުލަތަށް އެންމެ ފައިދާބޮޑު އަދި ހިރާސް ކުޑަ މަޝްރޫޢެއް: ވަޒީރު މުއްޠަލިބު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 13ސ
ރަސްމާލެ މަޝްރޫޢަކީ ދައުލަތަށް އެންމެ ފައިދާބޮޑު އަދި ހިރާސް ކުޑަ މަޝްރޫޢެއް: ވަޒީރު މުއްޠަލިބު

ރަސްމާލޭގައި އީގަލް ހިލްސް މެދުވެރިކޮށް ހިންގާ މަޝްރޫއަކީ ދިވެހި ދައުލަތަށް އެންމެ ހިރާސް ކުޑަ އަދި ފައިދާ ބޮޑު ގޮތެއްގައި ހިންގޭނެ މަޝްރޫއެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހާސިލްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި 4 ލައްކަ މީހުންގެ އާބާދީއެއް އޮތް ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމުގައި ގުދުރަތީ ރީތިކަމާއި އަމާންކަމުގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރިއަލް އެސްޓޭޓް ޓޫރިޒަމަކީ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް ބޭނުންކުރާ މުހިންމު ސިނާޢަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދައުލަތަށް އާމްދަނީ ލިބޭނެ އެންމެ ފައިދާހުރި ގޮތަކީ ޤާނޫނާ އެއްގޮތަށް ޕްރޮޕަޓީތައް ތަރައްގީކުރުންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، 99 އަހަރަށް ބިން ލީޒްކުރާއިރު ޖޮއިންޓް ވެންޗާއެއް ހަދައިފިނަމަ ދައުލަތަށް ހިރާސްތައް ބޮޑުވާނެ ކަމަށެވެ. އެހެންކަމުން ޕްރޮޕަޓީތަކުގެ ބާރު ދައުލަތަށް އޮވެ، ކޮންމެ މުއާމަލާތަކުން ދައުލަތަށް އާމްދަނީ ލިބޭނެގޮތަށް މަޝްރޫއު ކުރިއަށްގެންދިޔުމަކީ ދައުލަތަށް އެންމެ ފައިދާހުރި ގޮތް ކަމަށް ވިދާޅުވިއެވެ. އެގޮތުން ރަސްމާލޭގައި ތަރައްގީކުރާ ޕްރޮޕަޓީތަކުގެ ފުރަތަމަ މުއާމަލާތުން އެކަނިވެސް ދައުލަތަށް 10 އިންސައްތައިގެ އާމްދަނީއެއް ލިބޭނެ ކަމަށާއި، އެއީ 8،800 އަށްވުރެ ގިނަ ޕްރޮޕަޓީތަކުން 3.1 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ކަމަށް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކޮންމެ ޕްރޮޕަޓީއެއްގެ ފުރަތަމަ މުއާމަލާތުން 1.2 ބިލިޔަން ޑޮލަރު ދައުލަތަށް ލިބޭއިރު، މި ޕްރޮޕަޓީތަކުގެ ވެރިފަރާތް ބަދަލުކުރާ ކޮންމެ ފަހަރަކު މުއާމަލާތް ކުރަންޖެހޭނީ ސަރުކާރާއެކު ކަމަށްވާތީ އިތުރު އާމްދަނީ ވެސް ދައުލަތަށް ވަންނާނެ ކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ޤާނޫނުގެ ދަށުން އާންމުކޮށް 500 ހެކްޓަރުގެ ބިމަކުން ލިބޭ އާމްދަނީއާ އަޅައިބަލާއިރު، ރަސްމާލެ މަޝްރޫޢުގެ ސަބަބުން އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަޝްރޫއު އެއްކޮށް ނިމުމުން ރަސްމާލެއަށް އެކަނިވެސް އަހަރަކު 1 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭއިރު، އަހަރަކު 2 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ވަންނާނެ ކަމަށް ބެލެވެއެވެ. އަދި ރާއްޖޭގައި މިހާރު ހުރި ޕްރޮޕަޓީތަކާ އަޅައިބަލާއިރު، ހެކްޓަރަކަށް ޓީޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީ 8 ގުނަ އިތުރުވެގެންދާނެ ކަމަށް ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

މިއަދު އޮންލައިން