ޓެކުހުގެ އާމްދަނީ %7.3 އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީ 31.5 ބިލިޔަން ރުފިޔާއަށް އަރައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޓެކުހުގެ އާމްދަނީ %7.3 އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީ 31.5 ބިލިޔަން ރުފިޔާއަށް އަރައިފި

މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 31.5 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.6 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %3 ގެ ކުރިއެރުމެކެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މި އަހަރު ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ޓެކުހުގެ އާމްދަނީގެ ގޮތުގައި 24 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 22 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %7.3 ގެ އިތުރުވުމެކެވެ.

ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) އިންނެވެ.

ޓީޖީއެސްޓީ (TGST): 8 ބިލިޔަން ރުފިޔާ

ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް (BPT): 5.7 ބިލިޔަން ރުފިޔާ

އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (GST): 4.3 ބިލިޔަން ރުފިޔާ

އެއާޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް: 1.5 ބިލިޔަން ރުފިޔާ

ޓެކުހުގެ އާމްދަނީ އިތުރުވި ނަމަވެސް، ޓެކްސް ނޫން ގޮތްގޮތުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.6 ބިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 7.6 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.

މިއަދު އޮންލައިން