ސީއެސްއާރު ޕްރޮޖެކްޓެއްގެ ދަށުން ކުދި 5 އައިސްޕްލާންޓެއްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ސްޓޭޓް މިނިސްޓަރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ސީއެސްއާރު ޕްރޮޖެކްޓެއްގެ ދަށުން ކުދި 5 އައިސްޕްލާންޓެއްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ސްޓޭޓް މިނިސްޓަރު

ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ދިމާވެފައިވާ އައިހުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮޖެކްޓެއްގެ ދަށުން ކުދި 5 އައިސްޕްލާންޓެއް އެޅުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބު ވިދާޅުވީ، ރާއްޖޭގައި ޒަމާނުއްސުރެ އައިސްޕްލާންޓުތައް ގާއިމުކުރަމުން ގޮސްފައިވަނީ މައިގަނޑު ގޮތެއްގައި ކަޅުބިލަމަހުގެ މަސްވެރިންނަށް އަމާޒުކޮށްގެން ކަމަށެވެ. ނަމަވެސް އެކި ބާވަތުގެ މަސްވެރިކަން ރާއްޖޭގައި ފުޅާވަމުން އަންނައިރު، ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް އައިސް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެފަދަ މަސްވެރިކަން ކުރާ ރަށްރަށުގައި ކުދި އައިސްޕްލާންޓުތައް ތަރައްގީކުރުމުގެ މަސައްކަތް އެ ވުޒާރާއިން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 5 ޓަނުގެ ކުދި އައިސްޕްލާންޓުތަކެކެވެ. މިހާރު ކުރިއަށްދަނީ މި ޕްލާންޓުތަކުގެ ޑިޒައިން ކުރުމުގެ މަސައްކަތްތަކެވެ. މި އައިސްޕްލާންޓުތައް ފަރުމާކުރަނީ ރަށްރަށުގައި ކެފޭތައް ހިންގާ ފަރާތްތަކަށްވެސް ބޭނުންކުރެވޭނެ ފަދައިން، ސާފު ފެނުން ޓިއުބް އައިސް އުފެއްދޭ ގޮތަށެވެ. މީގެ ތެރެއިން ސީއެސްއާރު ޕްރޮޖެކްޓެއްގެ އެހީގައި ފުރަތަމަ 5 އައިސްޕްލާންޓުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު، ބާކީ ބައިތަކަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

މީގެ އިތުރުން، މި އައިސްޕްލާންޓުތަކާއެކު ރަށްރަށުގައި މަސް ރައްކާކުރެވޭނެ ކުދި ސްޓޯރޭޖްތައް ގާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ލިބޭ ހިލޭ އެހީގެ ދަށުން މި ސްޓޯރޭޖްތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި، މި ވަސީލަތްތަކާއެކު ފަރުމަސްވެރިންނަށް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި މަސް ރައްކާކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މިއަދު އޮންލައިން