އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ 2026 އޮކްޓޫބަރު 20 ވަނަ ދުވަހުއެވެ. މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން ފުލުހުން ވަގުތުން ވަނީ އެކަން ބަލައި، ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކުރުމުގެ މަސައްކަތް ފަށާފައެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، އިތުރު ސީރިއަސް ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް (ނާޖާއިޒު ފައިދާ ނެގުން) ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. އެހެންކަމުން، މިއީ ނުހަނު ސީރިއަސް އަދި ނާޒުކު މައްސަލައެއްގެ ގޮތުގައި ބަލައި، ފުލުހުން ދަނީ ފުޅާ ދާއިރާއެއްގައި މިކަން ތަހުގީގު ކުރަމުންނެވެ.
މި މައްސަލައިގެ ތަހުގީގު އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، މާލެއިން ޚާއްޞަ ތަހުގީގު ޓީމެއް މިހާރު ވަނީ އެ ރަށަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.