ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އެގޮތުން އަލަށް ޤާއިމްކުރާ އޮޓޮމެޓިކް ޕަންޕު ސްޓޭޝަންތަކާއެކު މާލޭގެ ފެން ހިންދުމުގެ މަސައްކަތަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެ މުއައްސަސާއިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނަންޓް ކާނަލް އަހުމަދު ފާއިޒް ރަޝާދް ވިދާޅުވީ، މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެ ނިމޭއިރު ފެން ހިންދުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި ވާރޭވެހުމުން މަގުތަކަށް ނިކުމެ ފެން ހިންދަން ޖެހޭ ޖެހުން ކުޑަވަމުން އަންނަކަން ފާހަގަކުރައްވަމުން، މިހާރުވެސް އެ ބަދަލުތައް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަންނަ ކުރިއެރުމަކީ ދެ ގޮތުންވެސް އަންނަ ކުރިއެރުމެއް. ޕަންޕުތައް ޕްރެޝާރ ހައިވެފައި ޕަންޕުތަކުން ފެން ބޭރުކުރާލެއް އަވަސްވުމާއި މަގުތައް ރީ ސްރަކްޗަރވެގެން އަންނަ ބަދަލުތަކާއެކު އަޅުގަނޑުމެންގެ މަސައްކަތަށް ވަރަށް ބޮޑަށް ފަސޭހަވެގެންދޭ،" ލެފްޓިނަންޓް ކާނަލް ފާއިޒް ވިދާޅުވިއެވެ.
މީގެއިތުރުން، ފެން ހިންދުމާ ގުޅޭ އެކި ކަންކަމަށް ސަރުކާރުން ހޯއްދަވައިދެއްވަމުންދާ ވަސީލަތްތަކަކީ މިކަމަށް ލިބެމުންދާ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވަމުން، ދާދިފަހުންވެސް ފެން ހިންދުމުގެ މަސައްކަތަށް ބޭނުންވާ 6 ވަރަކަށް އާ ޕަންޕު ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މި ޕަންޕުތަކުގެ ތެރެއިން ބައެއް ޕަންޕުތައް މިހާރުވެސް މާލޭގެ އެކި ސަރަހައްދުތަކުގައި މައުންޓުކޮށްފައި ވާނެ ކަމަށާއި، މަގުތަކަށް އަންނަމުންދާ ޒަމާނީ ބަދަލުތަކާއެކު ކުރިއަށް އޮތް ތަނުގައި އެކި ސަރަހައްދުތަކުގައި އޮޓޮމެޓިކް ޕަންޕު ސްޓޭޝަންތައް ޤާއިމްކުރުމުގެ ވިސްނުން ހުރި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.