އޭނާ ދެވަނަ އަންބަކާއި ކައިވެނިކޮށްގެން ގެއަށް ގެންދިއައެވެ. ދޮށީ އަނބިމީހާ އެކަމަކަށް ބަހެއް ނުބުނެއެވެ. އެކަމަކު ގެއަށް ޚަރަދުކުރުން ހުއްޓައިލިއެވެ. އެއީ އަނބިދަރިންނަށް ޚަރަދުކުރުމަކީ ފިރިމީހާގެ މަސްއޫލިއްޔަތަކަށްވާތީއެވެ.
ގޭގެ ކަންކަމަށް ދަތިވަމުން ގޮސް ކައްކާނެ ގޭސްފުޅިއެއްވެސް، ކައްކާނެ އެއްޗެއްވެސް ނެތުމުން ގޮސް ދޮށީ އަނބިމީހާގެ ގާތުގައި ބުނުމުން ބުނީ އޭނާއަށާއި އޭނާގެ ދަރިންނަށް ކާންދިނުމަކީ ފިރިމީހާގެ ޒިންމާއެއް ނަމަވެސް ކާން ނުދޭތީ އޭނާ އާއި ދަރިން ތިބީ އަމިއްލައަށް ކައިގެން ކަމަށެވެ. ހަގު އަނބިމީހާ އާއި ފިރިމީހާގެ ކެއުން އަމިއްލައަށް ހަމަޖައްސައިލުމަށެވެ.
"ވަޒީފާއަކަސް ނުދާތާ 2 އަހަރު! ހުރިހާ ޚަރަދެއް މިކުރީ އަހުރެން! އެކަމަކު ގެނެސް ގެއަށް ތިއަވެއްދީ އިތުރު އަންތބެއް! އަމިއްލައަށް ޒިންމާ އުފުލާ! އަހުރެން ކުރާ މަސައްކަތުން އަހުރެން އުޅޭނަން! އިން ޝާ ﷲ"
ފިރިމީހާ ބުނީ އިތުރު އަނބިން ހޯދުން އޭނާއަށް ހުއްދަ ކަމަށެވެ. އަނބިމީހާ ބުނީ ހޯދާ އިތުރު އަނބިންނަށް ޚަރަދުކުރަންޖެހޭނީ ދޮށީއަނބިމީހާއަށްކަން ދީނުން އޭނާއަށް ނުއެނގޭ ކަމަށެވެ.
އަޅުގަނޑު މިވާހަކަކޮޅު މިގެނެސްދިނީ އިތުރު އަނބިން ނުހޯދަން ބުނާކަށް ނޫނެވެ. އެކަމަކު އެކަންކުރަން އޮތީ އެކަމަށް ޝަރުޠުހަމަވެގެންކަމަށް ބުނުމަށެވެ. ޝަރުޠުހަމަނުވާނަމަ ފުރަތަމަ ޝަރުޠު ހަމަކުރަން ބުނުމަށެވެ. އެކަމުގެ ބުރަ ދޮށީ އަނބިމީހާއަށް ނުޖައްސަން ބުނުމަށެވެ.
އަޅުގަނޑު މިގެނެސްދިނީ ކިޔާފައިވާ ވާހަކައެކެވެ. ނަމަވެސް މިއީ އަޅުގަނޑަށްވެސް ކަންތައް ދިމާވި ގޮތެވެ. އެޙާލަތު ދިމާވުމުން 3 ދަރިން ގޮވައިގެން ގެއިން ނުކުމެގެން އައީއެވެ. ހަފްތާއެއްވެސް ނުވަނީސް ހަގު އަނބި ވަރިވެގެން ދިއުމުން އަޅުގަނޑުގެ ގާތަށް އައެވެ. ނަމަވެސް އެނބުރިދާން ނުރުހުނީމާ ޖެހުނީ ވަރިކުރާށެވެ!
- ސިތުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް