އައްޑޫގެ އިޤްތިޞާދަށް އިންގިލާބީ ބަދަލެއް: ވިޔަފާރިތަކަށް ދޭން ނިންމި ބޮޑެތި ލުއިތައް ރައީސް ހާމަކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
އައްޑޫގެ އިޤްތިޞާދަށް އިންގިލާބީ ބަދަލެއް: ވިޔަފާރިތަކަށް ދޭން ނިންމި ބޮޑެތި ލުއިތައް ރައީސް ހާމަކުރައްވައިފި

އައްޑޫ ސިޓީގައި ޤާއިމުވެ ތިބެގެން ވިޔަފާރިކުރާ ފަރާތްތަކަށާއި އެ ސަރަހައްދަށް ބަދަލުވެ ވިޔަފާރި ފަށަން ނިންމާ ފަރާތްތަކަށް ސަރުކާރުން ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ނިންމެވުމުގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ލުއިތަކުގެ ތަފްސީލު ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ބިމެއް ނަގައިގެން ވިޔަފާރިކުރާ ފަރާތްތަކަށް ކަނޑައެޅޭ މުއްދަތުގެ ތެރޭގައި އެ ބިމެއްގެ ކުލި އެއްކޮށް މާފުކޮށްދެވޭނެ ކަމަށެވެ. މީގެ އިތުރުން ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އާއި އިންކަމް ޓެކްސް ދައްކަން ނުޖެހޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު، ވިޔަފާރިތަކަށް ޢާންމުކޮށް ދޫކުރާ 20 ނުވަތަ 30 ކޯޓާގެ އަހަރީ ފީއަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބޭނުމަށް އެތެރެކުރާ އުޅަނދުތަކުން ނަގާ އަހަރީ ފީވެސް ދައްކަން ނުޖެހޭނެ ކަމަށް ރައީސް ހާމަކުރެއްވިއެވެ.

"މިފަދަ ގިނަ ލުއިތަކެއް އައްޑޫސިޓީގައި ޤާއިމްވެ ތިބެގެން އެ ސެކްޓަރގައި ވިޔަފާރިކުރާ ފަރާތްތަކަށް އަޅުގަނޑުމެން ދޭން ނިންމާފައިވަނީ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިފަދަ ބޮޑެތި ލުއިތަކެއް ދިނުމުގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ސިޓީގައި ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް، އެ ސަރަހައްދުގެ އިޤްތިޞާދީ ދުވެލި އަވަސްކުރުމެވެ.

މިއީ ފެށުމެއްގެ ގޮތުން އައްޑޫގައި ކުރިއަށްގެންދާ ޕައިލެޓް ޕްރޮޖެކްޓެއްކަން ފާހަގަކުރައްވަމުން، އައްޑޫގައި މި އުސޫލަށް ޢަމަލުކުރުމަށްފަހު ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ އަތޮޅުތައް ޒޯންތަކަކަށް ބަހާލައިގެން މި މޮޑެލް ތަންފީޒުކުރަން ނިންމަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ސިޔާސަތު ތަންފީޒުކުރުމަށް ނިންމާފައިވާ ގޮތުގެ އިތުރު ތަފްޞީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން އިޢުލާނުކުރާނެއެވެ.

މިއަދު އޮންލައިން