ހއ. ދިއްދޫގައި އިތުރު 25 މަގެއް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ފަށައިފިއެވެ. ސަރުކާރުން މި މުހިންމު މަޝްރޫޢު ކުރިއަށް ގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެންނެވެ.
ދިއްދޫގެ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތް މީގެ ކުރިންވެސް ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. އެގོތުން ފުރަތަމަ ފިޔަވަހީގެ ދަށުން އެ ރަށުގެ 14 މަގެއް ތާރުއަޅައިގެން ތަރައްޤީކޮށްފައިވާ އިރު، ދެވަނަ ފިޔަވަހީގެ ދަށުން ބަނދަރު މަގާއި، މައި މަގުތަކުގެ އިތުރުން އަލަށް ހިއްކި ސަރަޙައްދުގެ މަގުތައް ހިމެނޭހެން ޖުމްލަ 19 މަގެއްގައި ވަނީ ތާރުއަޅާފައެވެ.
ނަމަވެސް، ބައެއް މަގުތައް ހަލާކުވުމުގެ ސަބަބުންނާއި، ރަށުގެ ބޮޑުބައެއް އަލަށް ހިއްކައި މީހުން ދިރިއުޅެން ފެށުމާ ގުޅިގެން ދިމާވާ ދަތުތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އަލަށް މީހުން ދިރިއުޅޭ ސަރަޙައްދުތަކުގެ މައި 25 މަގެއްގައި އަލުން ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މިހާރުވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢާއެކު ދިއްދޫގެ މަގުތަކުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، ރަށުގެ ޒަމާނީ ތަރައްޤީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ފާހަގަކުރައްވައެވެ.