އޮންލައިންކޮށް ހިންގި 32،000 ރުފިޔާގެ ސްކޭމްގެ މައްސަލައަކާ ގުޅިގެން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް މުއާމަލާތުކޮށް، މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމަށް ބުނެ 2026 އޮކްޓޫބަރު 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައެކެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
ޙުސައިން ސާމިރު (40އ)، ހ. ވެލަސްފަރުގެ / މާލެ
މުޙައްމަދު ރީޙާން (33އ)، ދަފްތަރު ނަންބަރު ރސ 6007 / މާލެ
އަޙްމަދު ސުޖާއު (46އ)، ޖޯޖެޑްވިލާ / މާލެ
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙުސައިން ސާމިރު އަދި އަޙްމަދު ސުޖާއުގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިދީފައެވެ. އަދި މުޙައްމަދު ރީޙާންގެ ބަންދަށް ކޯޓުން ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނައިރު، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، އޮންލައިންކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ (OTP) ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން، އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި އަނެއް ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް ހިއްސާނުކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.
މަކަރާއި ހީލަތުގެ އެއްވެސް އަމަލެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ފުލުހުންގެ ޚިދުމަތުން އެދެއެވެ.