އަނބިމީހާއަށް އެހީތެރިވުމަކީ ފަޚުރަކަށްވާންޖެހޭ ކަމަކަށްވަނީ ސުންނަތަކަށްވާތީ!: ޝައިޚް މުޙައްމަދު ބާޖޫރު

ކިޔުމަށް ހޭދަވާނީ 1މ 31ސ
އަނބިމީހާއަށް އެހީތެރިވުމަކީ ފަޚުރަކަށްވާންޖެހޭ ކަމަކަށްވަނީ ސުންނަތަކަށްވާތީ!: ޝައިޚް މުޙައްމަދު ބާޖޫރު

ޢާއިޝަތު ރަފާޙް ޢަލީ

 

އަހަރެންގެ އަނބިމީހާއަށް ގޭތެރޭގެ ކަންކަމުގައި އެހީތެރިވާ ކަމަށް މިބުނަނީ ފަޚުރުވެރިވަމުންނެވެ. އެއީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އެއީ އަހަންނާއި ތިޔަބޭފުޅާއަށްވުރެ މާތް، ހެޔޮލަފާ ފަރާތުން (ރަސޫލާ ﷺ) ވެސް އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ގޭތެރޭގައި އެހީތެރިވެވަޑައިގެންނެވީތީއެވެ. 

އަޅުގަނޑުމެންގެ ލޯބިވާ މަންމަ (ޢާއިޝާގެފާނު) ގެ ގެކޮޅު ހުރީ ކިހާ ބޮޑުކޮށްކަން އެނގޭހެއްޔެވެ؟ އެއީ އެންމެ ކޮޓަރިއެކެވެ. އެތަނުގެ ބޮޑުމިން އެނގޭހެއްޔެވެ؟ ގާތްގަނޑަކަށް ތިން މީޓަރު ގުނަ ތިން މީޓަރެވެ. 10 ފޫޓޭ ބުނެވިދާނެހެއްޔެވެ؟ ހިނގާ 15 ފޫޓޭ ބުނަމާ. 15 ފޫޓު ގުނަ 15 ފޫޓު، އޯކޭ؟ 15 ފޫޓު ގުނަ 15 ފޫޓުގެ ތަނެއްގައި ބޭނުންވާނީ ކޮންކަހަލަ އެހީތެރިކަމެއްކަން ނިކަން އަހަންނަށް ބުނެދީބަލާށެވެ.

މީގެ މާނައަކީ ކޮބައިހެއްޔެވެ؟ މިއީ ތަނުގެ ބޮޑުމިނުގެ ވާހަކައެއް ނޫނެވެ. އެކަލޭގެފާނު އަޅުގަނޑުމެންނަށް އުނގަންނައިދެއްވަނީ ތެދުވެ އެހީތެރިވުމަށެވެ. އަދި އެކަލޭގެފާނު ވަނީ އެކަލޭގެފާނުގެ ޢާއިލާއަށް ޚިދުމަތްކުރެއްވުމުގައެވެ. 

ތުނބުޅި ދިގުކުރުމުގައި ރަސޫލާ ﷺ އަށް ތަބާވާން ނިންމާފައި، އަނބިމީހާއަށް އެހީތެރިވުމުގެ ވާހަކަ އައުމުން (ފަސްޖެހެނީ) ކީއްވެގެންހެއްޔެވެ؟ ނޫން، ނޫން، ނޫން ޙަބީބީ، އެއީ ސުންނަތެކެވެ. އެއީ ސުންނަތެކެވެ. އަހަރެން މިބުނަނީ ގޭގައި އެކަނި އިނދެ ކުދިން ބަލާ މީހަކަށް ވަގުތުން ބަދަލުވާކަށެއް ނޫނެވެ. ނޫނެކެވެ.

ނަމަވެސް އެކަމަނާއަށް އެހީތެރިކަން ބޭނުންވާ ހިނދު، އަހަރެންގެ އަނބިމީހާ އިނީ ބަނޑުބޮޑުކޮށް، އަހަރެންގެ އަނބިމީހާގެ ދެކުދިން އެބަތިބި، އަހަރެންގެ އަނބިމީހާ ވަނީ ވަރުބަލިވެފައި، އަހަރެންގެ އަނބިމީހާ ވަނީ ބަލިވެ — ތެދުވެ ކަމެއް ކޮށްދިނުމުގައި ތިބާއަށް އޮތީ ކޮން މައްސަލައެއްހެއްޔެވެ؟ 

އެކަމުން ތިބާގެ ފިރިހެންވަންތަކަން ކުޑަވާކަމަށް ހީވަނީހެއްޔެވެ؟ ނޫނެކެވެ. ވާނީ ބޮޑެވެ. އެއީ ސުންނަތަށް ޢަމަލުކުރާތީއެވެ.

 

- ޝައިޚް މުޙައްމަދު ބާޖޫރުގެ ދަރުސަކުން

 

 

މިއަދު އޮންލައިން