މަންމަ ދަރިފުޅަށްޓަކައި ހެޔޮދުޢާކުރަން ފަށަނީ ދަރިފުޅުގެ ކިބައިން ކަމަށް ބޭނުންވުމަކުން ނޫނެވެ. ބަލިވެއިނީންސުރެއެވެ. ކޮންމެ ދުވަހަކުވެސް އަދި ކޮންމެ ރެއަކުވެސް މަންމަ ހެޔޮދުޢާކުރާނެއެވެ. ބޮޑުވެ އަމިއްލައަށް އުޅެން ފެށުމުންވެސް ދުޢާކުރާނެއެވެ. ވީމާ ތިބާއަށްޓަކައި އެންމެ ގިނައިން ހެޔޮދުޢާ ކުރާނެ މީހަކީ މަންމައެވެ. އެމަންމައަށްޓަކައި މިފަދައިން ދުޢާކުރާށެވެ!
ޔާ ﷲ! މިއަޅާގެ މަންމަ މިއަޅާއަށް ކޮށްދިން ހުރިހާ ޚިދުމަތްތަކަކަށްޓަކައިވެސް އޭނާއަށް ހެޔޮ ރަޙްމަތް ލައްވަވާނދޭވެ! އެހުރިހާ ކަމެއް އިނބަ ﷲ ޤަބޫލުފުޅުކުރައްވަވައި ގިނަގުނަ ޘަވާބު ދެއްވަވާނދޭވެ! މިއަޅާއަށްޓަކައި މަންމަ އޮހޮރި ކޮންމެ ކަރުނަ ތިއްކަކަށްވެސްމެއެވެ.
ޔާ ﷲ! މަންމައަށް ފުރިހަމަ ޞިއްޙަތެއް ދެއްވަވާނދޭވެ! އުފާވެރިކަން ދެއްވަވާނދޭވެ! މަންމަގެ ޢުމުރު ދިގުކޮށް ދެއްވަވާނދޭވެ! މަރުވުމުން ފާފަ ފުއްސަވައިދެއްވަވައި ސުވަރުގެ ވައްދަވާނދޭވެ! ކައްވަޅުގެ ޢަޛާބުންނާއި ނަރަކައިގެ ޢަޛާބުން ސަލާމަތްކޮށްދެއްވަވާނދޭވެ! އާމީން
އަދިވެސް ބުނަންހެއްޔެވެ؟ ހަމައެކަނި ދުޢާކުރުމަކުން ނުފުދޭނެއެވެ. ތިބާގެ ބައި ފުރިހަމަކުރަންވާނެއެވެ. މަންމައަށް ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރަންވާނެއެވެ. އަޅާލައި އެހީތެރިވާންވާނެއެވެ. އެއިރުން ތިބާއަށްވެސް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން