އެއީ ޒުވާން ޢުމުރުން ފެށިގެން އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާ އާއި ގުޅުން ބަދަހިކުރަމުން އައި އަންހެނެކެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަމެއް ނުކުރެއެވެ. ފަރުޟްތައް އަދާކުރެއެވެ. ސުންނަތް އަޅުކަމަށް ލޯބިކުރެއެވެ. ރޭއަޅުކަންވެސް ކުރެއެވެ.
ބައްދަލުވި މީހަކު ލޯބިވާކަމަށް ބުނެ ދެއްކި ވާހަކަތައް ޤަބޫލުކޮށް ކައިވެނިކުރިއެވެ. ފިރިމީހާގެ ގޭގައި އުޅެނީ އެދެމަފިރިންގެ އިތުރުން މަންމައެވެ. އަހަރުވީތަނާ ބަލިވެ އިނދެއްޖެއެވެ. ބަނޑަށް 7 މަހުގައި ނިދަން އޮށޯތީމާވެސް ފިރިމީހާ ނައުމުން ކޮބައިތޯ ބަލައިލަން ދިއައިރު މަންމައާއި ދެމީހުން ވާހަކަދައްކަނީއެވެ. ވަރަށް ސިއްރުންނެވެ.
ފިލައިހުރެ އަޑުއަހައިލިއެވެ. "ވިހަން ވައްދައި ވިހައި ނިމުމުން އޭނާ މަރާލައިދޭން ޑޮކްޓަރު އެއްބަސްވެއްޖެއެވެ. ދަރިފުޅު ގޮވައިގެން އަހުރެމެން ގެއަށް އަންނާނީއެވެ. އަހުރެމެންނަކީ ދެމަފިރިންކަން ޢެނާއަށް އެނގޭނީ ކައްވަޅުގައި އޮއްވައެވެ."
ވިސްނައި ލެވުނެވެ. މަންމަ ކިޔައިގެން މިއުޅެނީ އަނބިމީހާއަށްތާއެވެ. އަހުރެންނާއި ކައިވެނިކުރީ ދަރިއަކަށް ބޭނުންވެގެންތާއެވެ. ވިހެއުމުން އަހުރެން މަރާނުލައި މިހާރުވެސް އެއުޅޭގޮތަކަށް އުޅެން ނުވިސްނީ ކީއްވެގެންބާވައެވެ!
ވާހަކަ ދައްކައި ނިމިގެން ދެމީހުން މަތީ ބުރިއަށް އެރުމުން ސިއްރުން ދޮރުހުޅުވައިގެން ގެއިން ނުކުތީއެވެ. މަގުމައްޗަށް ނުކުމެވުނުތަނުން ހޭނެތިގެން ވެއްޓިއްޖެއެވެ. ހޭއެރީ ހޮސްޕިޓަލުގައި އޮއްވައެވެ. ހޭއެރުމުން އޭނާ ހޮސްޕިޓަލަށް ގެންގޮސްދިން މީހާ ސުވާލުތައް ކުރަން ފެށުމުން ކަންތައް ވީގޮތް ވަރަށް ސިއްރުން ކިޔައިދިނެވެ. އަދި އޭނާއާއި އަޅައިލާނެ މީހަކު ނެތްކަމަށް ބުނެ އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުން އެދި އާދޭސްކުރިއެވެ.
ކަންތައް ދިމާވިގޮތުން އޭނާ ހޮސްޕިޓަލަށް ގެންދިއައީ ފުލުހުންގެ އިސް އޮފިސަރެކެވެ. އޭނާ ވަގުތުން ފިޔަވަޅުތައް އެޅިއެވެ. ހޮސްޕިޓަލުގެ ރެކޯޑުން ލިޔުންތައް ނެންގުވިއެވެ. ގެންދިއައީ އޭނާގެ ގެއަށެވެ.
ފުލުހުން މައްސަލަ ބަލަން ފެށިއެވެ. އެންމެ ފުންމިނަށް ފީނިއެވެ. ޑޮކްޓަރުގެ ކިބައިން އޭނާށ ދެއްކި ވާހަކަތަކަށް ޔަޤީންކަން ލިބުނެވެ. ހަމައެކަނި އެއްބަސްނުވީ މަރާލައިދޭން އެއްބަސްވިކަމަށެވެ. ބުނީ އެކަމަށް އެދުނު ނަމަވެސް އެއްބަސްނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް އޭނާ ނުކުރާނެ ކަމަށެވެ. ނަމަވެސް ރިޝަވަތަށް ޑޮކްޓަރަށް ގިނަ ޢަދަދެއްގެ ފައިސާ ދީފައިވާކަން ސާބިތުވުމުން އެ 3 މީހުންގެ މައްޗަށްވެސް ދިގު މުއަދަތުގެ ޖަލުޙުކުމެއް އިއްވިއެވެ. މީހަކު މަރާލަން ރޭވިކަމުގެ ކުށުގައެވެ.
އަންހެން މީހާ އެގޭގައި އިނދެ ވިހައި ގަދަވުމުން އޭނާއާއި ކައިވެނިކުރީ ފުލުސް އޮފިސަރުގެ ދަރިފުޅެވެ. ޢާއިލާއިން އޭނާ ބަލައިގަތީ އޭނާގެ ތަޤްވާވެރިކަމުންނެވެ. އެދެމީހުންގެ މަކަރުވެރި ރޭވުން އޭނާއަށް އެނގުން ޢާއިލާއިން ބަލައިގަތީ ވަރަށް ބޮޑުކަމެއްގެ ގޮތުގައެވެ. އޭނާގެ ތަޤްވާވެރިކަމުން މެދުވެރިވި އާދައާ ޚިލާފް ބޮޑުކަމެއްގެ ގޮތުގައެވެ. އެކަން އެވަރަށް ޔަޤީންކުރީ ސަލާމަތްވާން ނުކުމެވުނީ ސަލާމަތްކުރެވޭވަރުގެ މީހެއްގެ ކުރިމައްޗަށް ކަމަށްވާތީއެވެ.
މިފަދަ ޙާދިސާތަކުން ޢިބްރަތް ލިބިގަންނާށެވެ! ޒުވާން ޢުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަކީ މުސްކުޅިވުމުން ކުރަން އޮތް ކަމެއް ކަމަށް ނުދެކޭށެވެ! ﷲ ތަޢާލާގެ ރަޙްމަތަކީ ތަނަވަސްވެގެންވާ އެއްޗެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
- ޢިބްރަތްތެރި ވާހަކަ