އަޅުގަނޑުގެ އަލަތު ކައިވެނި ރޫޅުނު ދުވަހަކީ ވަރަށް ހިތާމަވެރި ދުވަހެކެވެ. އެއީ ބޮޑު ދެހިތާމަ އެއްފަހަރާ ކުރިމަތިވުމުންނެވެ. ފުރަތަމަ ހިތާމައަކީ ފިރިމީހާއަށް އިތުބާރުކޮށް ވަޒީފާއިން ވަކިވެވުނު ކަމެވެ. ވަޒީފާއިން ވަކިވެގެން ގެއަށް އައިސް ވަދެވުނީ ފިރިމީހާއާއި އޭނާގެ ލޯބިވެރިޔާގެ ކުރިމައްޗަށެވެ.
ލިބުނު ސިހުމުގައި ބަހެއްވެސް ނުބުނެވިގެން އުޅެނިކޮށް ވަރިކޮށްލައިފިއެވެ. ގެއިން ނުކުމެގެންދާން ބުނެފިއެވެ. ދާނެ ތަނަކާއިމެދު އިރުކޮޅަކު ވިސްނާލަން ހުރެފައި އޮފީހުގެ އެކުވެރި އަންހެންކުއްޖަކަށް ގުޅާފައި އެހީތެރިކަމަށް އެދުމުން ބުނީ މަގުމައްޗަށް ނުކުތުމަށެވެ. 15 ވަރަކަށް މިނިޓްތެރޭގައި ބަލައި އަންނާނެ ކަމަށެވެ.
އޭނާ އައީ އޭނާގެ އެކުވެރިއެއްގެ ކާރުގައެވެ. ހީކުރީ ގެންދާނީ އެކުވެރިޔާގެ ގެއަށް ކަމަށެވެ. ނަމަވެސް ސުވާލެއް ނުކޮށް އިންދައި ގެންގޮސް ބޭލީ އޭނާގެ އެކުވެރިޔާގެ ގެއަށެވެ. ގެއަށް ވަދެ ހަމަޖެހިލުމަށްފަހު ބުންޏެވެ. "ރީމާއެވެ. މިގޭގައި އުޅޭނީ އަހުރެންގެ އެކުވެރިޔާ ޢާއި އޭނާގެ 7 އަހަރުގެ ދަރިފުޅާއި ދަރިފުޅުގެ މާމައެވެ. މިގެއިން ރީމާގެ ދެބޭނުންވެސް ފުދޭނެއެވެ. ހުންނާނެ ތަނެއްވެސް ލިބޭނެއެވެ. ދަރިފުޅާއި ގޭގެ ކަންކަން ބަލަހައްޓައިގެން އިނީމާ އޮފީހުން ލިބުނު މުސާރައަށްވުރެ ރަނގަޅު މުށާރައެއްވެސް ލިބޭނެއެވެ."
އެކަން އެގޮތަށް ޤަބޫލުކުރުން ނޫން ގޮތެއް ނެތުމުން ޤަބޫލުކުރީމެވެ. ހުރިހާ ކަމެއް ވަކީލްކުރީ ﷲ އަށެވެ. ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅެވެ. ދެމައިން ވަރަށް ހެޔޮކޮށް ހިތައެވެ. ބުރަ ބަހެއްވެސް ނުބުނެއެވެ. އެކަމަކު މުސާރައަށް ދިނީ 8000 ރުފިޔާއެވެ. އެއީ އޮފީހުން ލިބުނުވަރަށްވުރެ މާކުޑަ މުސާރައަކަށްވުމުން އެކުވެރިޔާއަށް ގުޅީމައި ބުނީ ބާކީ ލިބޭނެ ކަމަށާއި އެވާހަކަ ނުދައްކައި މަޑުކުރުމަށެވެ.
މަޑުކޮށްގެން ހުންނަތާ 3 މަސްވިއިރުވެސް އެބުނާ ބޮޑު މުސާރަ ނުލިބުމުން އަނެއްކާވެސް އެކުވެރިޔާއަށް ގުޅުމުން ބުނީ އެކަން އެބަހަމަޖެހޭ ކަމަށެވެ. ދެން މުސާރަލިބެންވާއިރަށް ހަމަނުޖެހުނިއްޔާ އެކުވެރިޔާ އަމިއްލައަށް ފައިސާދޭނެ ކަމަށެވެ.
އެއިގެ 3 ރޭ ފަހުން އެކުވެރިޔާ އައެވެ. ކެއީ އެންމެން އެކުގައެވެ. ކައިނިމިގެން ސޯފާގައި ތިބެގެން ވާހަކަދައްކަމުން އެކުވެރިޔާ ބުނިބަހަކުން ދިއައީ ސިއްސައިގެންނެވެ. "ބައެއް ފިރިހެނުންނަކީ ރަނޑު ބައެކެވެ. އެމީހުން އެންމެ ބޮޑަށް ބޭނުންވާ ކަންކަމުގެ ވާހަކަ ބުނަންވެސް ލަދުގަންނާނެއެވެ. އެހެންވީމާ މިބުނަނީއެވެ. މިރަނޑު ފިރިހެނާ ސަލްއަށް ހިތްކިޔާތާ އެތައް ދުވަހެކެވެ. މީހެއްގެ އަންތބެއްވީމާ ބުނަން ނުކެރިފައި ހުއްޓައި ހުއްސަރިބައިވެގެން އައިސް ގެއަށް ވަނީމާވެސް އެހުންނަނީ ބުނަން ނުކެރިފައެވެ. ކުރިން ބުނީ ޢިއްދަ ހަމަވީމާ ބުނާނެ ކަމަށެވެ. އެކަމަކު އަދިވެސް އެހުންނަނީ ބުނަން ނުކެރިފައެވެ. މަންމަ އެއިންނަނީ އެކަމަށް އެދިއެދިއެވެ. ދަރިފުޅު މިހާރުވެސް އެކިޔަނީ މަންމައެވެ. އެވަރުންވެސް މިރަނޑު މީހާއަށް އެހުންނަނީ ބުނަން ނުކެރިަކަމަށްވުމުން އަހުރެންގެ ބޮޑު އަނގައިން މިވާހަކަ މިދެއްކީއެވެ. ގޮތް ނިންމުން އޮތީ ސަލްގެ އަތްމަތީގައެވެ."
އެކުވެރިޔާގެ ވާހަކަ އަޑުއަހަން އޭނާއިނީ މޫނުގައި ދެއަތް އަޅައިގެންނެވެ. އިސްދަށަށް ޖަހައިގެންނެވެ. އަޅުގަނޑަށް ބުނެވުނެވެ. "ޖަވާބެއް ދެވޭނީވެސް މޫނުން ދެއަތް ނަގައި ހަތަރުކަޅި ހަމަކޮށްގެން ނޫންހެއްޔެވެ؟ އެކަމަކުވެސް މިބުނަނީއެވެ. އެކުވެރިޔާ ތިއަ ދެއްކީ ޙަޤީޤަތަށް ނަމަ ސަލް މިހުރީ ރުހިގެންނެވެ. އެކަމަކު ކައިވެނި އަވަސްކުރަންވާނެއެވެ. ދެން ނުއިނދެ މިގޮތަށް އެއްގޭގައި އުޅުން ރަނގަޅެއް ނޫނެވެ."
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ހަފްތާއެއްތެރޭ ކައިވެނިކުރެވުނެވެ. އެކައިވެނީގައި 8 އަަހރުވީއެވެ. ދެދަރިންވެސް ލިބިއްޖެއެވެ. ދިރިއުޅެމުން މިއަންނަނީ އުފަލުގައެވެ. ފުރަތަމަ ކައިވެންޏަށްވުރެ މާތަނަވަހުގައެވެ. ވީމާ އަޅުގަނޑަށް އެދުވަހު އެއްފަހަރާ ލިބުނު ބޮޑު ދެދެރަ ލިބުންވީ އަޅުގަނޑަށް މި ބޮޑު އުފާވެރިކަން ލިބެން މެދުވެރިވި ސަބަބަށެވެ. ﷲ އަށް އިތުބާރުކޮށްގެން ﷲ ގެ މަގުގައި ހުންނަ މީހަކަށް ދެރަގޮތެއް މެދުވެރިނުވާނެކަމުގެ ޔަޤިންކަން އަޅުގަނޑަށްވެސް މިވަނީ ލިބިފައެވެ. ކިޔުންތެރިންގެ އަރިހުންވެސް އެދެނީ އެކަން ޔަޤީންކުރުމެވެ.
- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް