ރަސްމާލޭގައި ތަރައްޤީކުރާ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢު އެއްކޮށް ނިމުމުން، އެ ސަރަހައްދުގައި ތަރައްޤީކުރާ ޕްރޮޕަޓީތަކުގައި ޗުއްޓީ ހޭދަކުރުމަށް އަހަރަކު 1 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ، މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށް އެކި ގޮތްގޮތުން ފައިދާވެ، ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް ހުޅުވިގެންދާ މުހިންމު ފުރުސަތަކަށް ވާނެ ކަމަށެވެ. މީގެއިތުރުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން ތަކުރާރުކޮށް އައުމަށް މި މަޝްރޫޢުގެ ސަބަބުން ބާރުއެޅިގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ސަބަބުން ދައުލަތަށް ލިބޭ ޓީޖީއެސްޓީ (ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް) އާމްދަނީ އެތައް ގުނައަކަށް އިތުރުވެގެންދާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކޮންމެ ހެކްޓަރަކަށް ބަލާއިރު އާންމު ރިސޯޓަކަށްވުރެ 8 ގުނަ އިތުރު އާމްދަނީއެއް މިފަދަ މިކްސްޑް ޔޫސް ސިޓީއަކުން ލިބޭނެ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި މަޝްރޫޢަކީ ރާއްޖެއަށް ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމުގެ ބޭނުން ހިފައި، ރާއްޖޭގެ އިޤްތިޞާދު އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.