ޖިސްމާނީ ނުވަތަ ނަފްސާނީ ހާލަތުގެ ސަބަބުން ސްކޫލަށް ހާޒިރުވެ ތަޢުލީމު ހާސިލުކުރަން ދަތިވާ ކުދިންނަށް، ގޭގައި ތިބެގެން މަދަރުސީ ތަޢުލީމު ފޯރުކޮށްދިނުމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ހޯމް-ސްކޫލިންގ ޕްރޮގްރާމް ތަޢާރަފްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމެވެ. މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހޯމް-ސްކޫލިންގ ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދެވޭނީ ދަރިވަރުގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލައި ހަދާ ޚާއްޞަ އެސެސްމެންޓަކަށް ބިނާކޮށެވެ. އަދި ސްކޫލަށް ދިޔުމުގެ ބަދަލުގައި ގޭގައި ތިބެގެން ތަޢުލީމު ހާސިލުކުރުމުގައި އަމަލުކުރަންޖެހޭ ސާފު ޝަރުތުތަކާއި އުޞޫލުތައްވެސް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.
ހޯމް-ސްކޫލިންގ ތަޢާރަފްކުރުމުގެ އިތުރުން، ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށްޓަކައި މުހިންމު އިތުރު ބަދަލުތަކެއްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި، ސްކޫލް ވަގުތުގައި ނާސްތާ ހޯދަން ދަތިވާ ދަރިވަރުންނަށް ސަރުކާރުގެ ކޮންމެ ސްކޫލަކުންވެސް ކޮންމެ ދުވަހަކު ހިލޭ ނާސްތާ ފޯރުކޮށްދިނުން ޤާނޫނީ ގޮތުން ލާޒިމުކުރުން ހިމެނެއެވެ.
ހަމައެއާއެކު، ތަޢުލީމީ ނިޒާމު ހިންގުމުގައި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، މުދައްރިސުން އަދި ބެލެނިވެރިންގެ ދައުރު މިހާރަށްވުރެ ސާފުކޮށް ބަޔާންކުރުމަށް މި ބިލުގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން، ސްކޫލްގެ އިސްވެރިންނާއި މުދައްރިސުންނަށް އިޙްތިރާމުކުރުމުގެ އާދަ އަށަގެންނެވުމާއި، މުވައްޒަފުންނާއި ދަރިވަރުންނަށް ގޯނާގެ އެއްވެސް ޢަމަލެއް ނުހިންގުމާއި، ސްކޫލްގެ ޤަދަރު ހިފެހެއްޓުން ފަދަ ދަރިވަރުންގެ އަޚްލާޤާއި ރައްކާތެރިކަމާ ގުޅޭ ކަންކަން އިތުރަށް ވަރުގަދަކުރުމަށްވެސް ބިލުގައި ވަނީ ހުށަހަޅާފައެވެ.
މި ބިލު ފާސްވެ ޤާނޫނަކަށް ވުމުން، އެކި ސަބަބުތަކާހުރެ ސްކޫލަށް ހާޒިރުވެ ތަޢުލީމު ހާސިލުކުރުމަށް ދަތިތައް ކުރިމަތިވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހަކަމާއެކު ތަޢުލީމު ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެއެވެ.