ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކޮށް ޗައިނާގެ މާކެޓުގައި އެ އެއާލައިނުގެ ޚިދުމަތްތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ޗައިނާގެ ވެރިރަށް ބެއިޖިންގގައި އައު އޮފީހެއް ހުޅުވައިފިއެވެ. މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ދަތުރުކުރާ ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް، ބައިނަލްއަޤްވާމީ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.
ބެއިޖިންގގައި ހުންނަ މޯލްޑިވިއަންގެ އައު އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ ޗެއާމަން އަޙްމަދު ޝަފީޢު އާއި، މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް އެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބު ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވިއަން އިން މަޢުލޫމާތު ދިން ގޮތުގައި، މި އޮފީހުގެ ސަބަބުން ޗައިނާގައި ކުރިއަށްގެންދާ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެ، އެ ޤައުމުގެ ވިޔަފާރި ޕާޓްނަރުންނާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާނެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުމާއި ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ތަރައްޤީވެ، ފަސިންޖަރުންނަށް ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ އެއާލައިނުން ފާހަގަކުރެއެވެ. ޗައިނާގައި މޯލްޑިވިއަންގެ ވިޔަފާރި އޮޕަރޭޝަންތަކަށް އެހީތެރިވުމަށް ޖެނެރަލް ސޭލްސް އޭޖެންޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މެގަސެޕް އޭވިއޭޝަން ސާވިސަސް ލިމިޓެޑެވެ.
މޯލްޑިވިއަން އިން މިހާރުވެސް ދަނީ ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ބާއްވަމުންނެވެ. އެއީ ބެއިޖިންގގެ އިތުރުން ޝަންހާއީ އަދި ޗެންގްޑޫއަށެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ އެ އެއާލައިނުގެ އެއާބަސް A330-200 މަރުކާގެ ވައިޑް-ބޮޑީ ބޯޓެވެ.
ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ މުހިންމު އެއް މާކެޓެވެ. މި އަހަރުގެ މިހާތަނަށް ޗައިނާއިން 327,531 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 19 އިންސައްތައެވެ. ބެއިޖިންގ އޮފީސް ހުޅުވުމާއެކު، ޗައިނާގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.