ޢާއިޝަތު ރަފާޙް ޢަލީ
ކައިވެނިކުރުމަކީ ކުރަން ވަރަށް ފަސޭހަ ކަމެކެވެ. އަންހެން ކުއްޖާގެ ބައްޕަ، އެ ކުއްޖާގެ އިޒުނައާއެކު، ދެ ހެކިންގެ ކުރިމަތީގައި "އަހަރެންގެ ދަރިފުޅު އެވެނި ވަރަކަށް [މަހުރަށް](ރަނަށް) ތިޔަ ކުއްޖާއާ ކައިވެނިކޮށްދީފީމޭ" ބުނުމުން، އަދި ފިރިހެން ކުއްޖާ "އަހަރެން ޤަބޫލުކޮށްފީމޭ" ބުނުމުން، އެއޮތީ ނިމިފައެވެ. އިސްލާމީ ޝަރީޢަތުގައި އެކަން ވަނީ އެހާވެސް ފަސޭހަކޮށްދެއްވާފައެވެ.
އާބާދީ ގިނަވެ ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށްޓަކާ ހަދާފައިވާ ޤާނޫނުތަކަށް ޢަމަލުކުރަންޖެހޭނެއެވެ. އެއީ ވާޖިބެކެވެ. ޤާނޫނުތައް ހަދަނީ އެންމެންގެ މަޞްލަޙަތަށެވެ. އަހުރެން ބަޔާން މިކުރީ އެކަން ފަސޭހަކުރައްވަވާފައި އޮތް މިންވަރެވެ.
ނަމަވެސް ވަރިކުރުމުގެ މައްސަލައަށް އައުމުން، އެކަން އޮތީ އެހެންނަކުން ނޫނެވެ. ޝަރީޢަތުގައި ވަނީ ވަކި އުޞޫލުތަކަކާއި ބޮޑެތި މަރުޙަލާތަކެއް ކަނޑައަޅުއްވާފައެވެ. ވަރިކުރަންޖެހެނީ، އެ ޠުހުރުގެ ދުވަސްވަރުގައި (ޙައިޟުން ޠާހިރުވެފައިވާ ދުވަސްވަރުގައި) އެކީގައި އުޅެފައިނުވާނަމައެވެ. އަދި ދޭންޖެހެނީ އެންމެ ވަރިއެކެވެ. އެއަށްފަހު ތިން މަސްދުވަހުގެ (ތިން ޠުހުރުގެ) ޢިއްދައިގެ މުއްދަތެއް އޮވެއެވެ. އެ މުއްދަތުގައިވެސް އަނބިމީހާއަށް ޚަރަދުދޭންޖެހެއެވެ. އޭނާއަށް ތިޔަބައިމީހުންގެ ގޭގައި އުޅުމުގެ ޙައްޤު އޮވެއެވެ. އަދި ދެމަފިރިން އެކުގައި ތިބެ، ދެމެދުގައިޖެހިފައިވާ މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރަންޖެހެއެވެ.
މިއީ (އަވަސްއަރުވާލައިގެން ވަރިކުރުން) ލަސްކޮށްލުމަށްޓަކައި ވަގުތު ދިނުމުގެ މަރުޙަލާއެކެވެ. އެހެންކަމުން އިސްލާމްދީނަކީ އެހާވެސް ފުރިހަމަ ދީނެކެވެ. ޤާނޫނުތަކާއި އުޞޫލުތަކުގެ މެދުގައި، ނުވަތަ ކަންކަމުގެ ކުދި ބޮޑު މިންގަނޑުތަކުގެ މެދުގައި އެއްވެސް ތަޢާރުޟެއް (ފުށުއެރުމެއް) ނުވެއެވެ. އެއީ ހުރިހާ ކަމެއް ގުޅިލާމެހިފައިވާ ދީނެކެވެ. ކޮންމެ ކަމެއްގެ މެދުގައިވެސް ވަނީ އެކުވުމާއި ގުޅުމެވެ.
ގިނަ ކައިވެނިތަކުގައި މުޢާމަލާތްކުރުމުގެ (ވާހަކަދެއްކުމުގެ) ރަނގަޅު މަރުޙަލާއެއް ނޯވެއެވެ. ދެމަފިރިން އެކުގައި އިށީނދެ، ރައްކާތެރި މާޙައުލެއްގައި ވާހަކަދައްކާލެވޭނެ ޖާގައެއް ނޯވެއެވެ. އަނބިމީހާ ފިރިމީހާ ގާތު "އެދުވަހު އަހަރެމެންގެ ދަރިންގެ ކުރިމަތީގައި، ނުވަތަ ކަލޭގެ މައިންބަފައިންގެ ކުރިމަތީގައި، ނުވަތަ އެ އެއްވުމުގައި ކަލޭ އެހެން ބުނުމުން އަހަރެންނަށް އިޙްސާސްވީ މިހެންނޭ" ބުނެދޭނެ ފުރުޞަތެއް ނޯވެއެވެ. އަދި ފިރިމީހާ އަނބިމީހާ ގާތު "އަހަރެމެން އެތަނުގައި ތިބިއިރު ކަމަނާ އެހެން ބުނުމުން—އަހަރެންނަށް އެނގޭ ކަމަނާ ނުބައި ނިޔަތެއްގައި ބުނި އެއްޗެއް ނޫންކަން—ނަމަވެސް އަހަރެންނަށް އިޙްސާސްވީ މިހެންނޭ، އަދި މިއީ ކަމަނާ އިޞްލާޙުކުރަން ނުވަތަ ސަމާލުވާންޖެހޭ ކަމެކޭ، ސަބަބަކީ ކަމަނާ ތިޔަހެން ވާހަކަދެއްކުމުން އަހަރެންނަށް އިޙްސާސްވަނީ މިހެންނޭ" ބުނެދޭނެ ފުރުޞަތެއްވެސް ނޯވެއެވެ. ރައްކާތެރި މާޙައުލެއްގައި އިށީނދެ މުޢާމަލާތުކުރުމުގެ ފުރުޞަތު އޮތުމަކީ، ކައިވެންޏާ ދެކޮޅަށް ޝައިޠާނާ ބޭނުންކުރާ ގިނަ ހަތިޔާރުތަކެއް ނައްތާލައިދޭ ކަމެކެވެ.
- ޝައިޚް ޑރ ސާޖިދު ޢުމަރުގެ ދަރުސަކުން