ލިބޭ އާމްދަނީ މަދުވިޔަސް، އާމްދަނީ ނުލިބުނަސް އަރައިގަންނަން ޢަމަލުކުރަން އޮތް ކާމިޔާބު ޔަޤީންގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ލިބޭ އާމްދަނީ މަދުވިޔަސް، އާމްދަނީ ނުލިބުނަސް
އަރައިގަންނަން ޢަމަލުކުރަން އޮތް ކާމިޔާބު ޔަޤީންގޮތް!


ކުރިމަތިވާ ކަމެއްގެ ސަބަބުން ތިމާއަށް ލިބޭ އާމްދަނީ މަދުވެދާނެއެވެ. އަދި ބައެއް ފަހަރު އެކުގައި ލިބުން ހުއްޓިވެސްދާނެއެވެ. މިބުނަނީ އެއްވެސް އާމްދަނީއެއް ނުލިބިވެސް ހުންނަންޖެހިދާނެ ވާހަކައެވެ.

 މިބުނިފަދަ ދެރަގޮތެއް މެދުވެރިވިނަމަވެސް މާޔޫސް ނުވާށެވެ! ކޮންމެ ދުވަހަކު އެއް ވަރަކަށް ނުވަތަ ލިބޭ އާމްދަނީ އަބަދުވެސް ދާނީ އިތުރުވަމުން ކަމަށް ބަލައިގެން ނުވާނެއެވެ! މަދުން ލިބޭ ދުވަހާއި އަދި އެއްގޮތަކަށްވެސް ނުލިބޭ ދުވަސްވެސް އަންނާނެ ކަމަށް ޤަބޫލުކުރަންވާނެއެވެ!

ޢުމުރުގެ މިހައިތަނަށް ލިބުނު އާމްދަނީއަށް ޝުކުރުވެރިވާށެވެ! ޙާލަތު ބަދަލުކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! ތަޤްވާވެރިކަން އިތުރުކޮށް އަޅުކަންކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ "ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި" ކަމަށް ވަޙީކުރައްވަވާފައިވާ ބަސްފުޅުން ހިތްވަރު ލިބިގަންނާށެވެ! އެއިރުން ﷲ ތަޢާލާގެ ރަޙްމަތްފުޅު ދާނީ އިތުރުވަމުންނެވެ.

މުސްލިމުންނަކީ ﷲ ތަޢާލާ ކުރިމަތިކުރައްވަވާ އެއްވެސް ޙާލަތަކަށް މާޔޫސްވެގެންވާނެ ބައެއް ނޫނެވެ! ކުރިމަތި ކުރެއްވެވީ އިމްތިޙާނެއް ކަމަށް ޤަބޫލުކޮށް އިމްތިޙާނުން ފާސްވާން މަސައްކަތްކުރަން ޖެހޭނެ ބައެކެވެ. ފާފަކުރެވޭނަމަ އެކަން އަވަހަށް ހުއްޓައިލާށެވެ! ތަގްވާވެރިކަން އިތުރުކުރާށެވެ! ތައުބާވުން ގިނަކުރާށެވެ! އަސްތަޣްފާރުކުރުން ގިނަކުރާށެވެ! ދުޢާކުރުން ގިނަކުރާށެވެ! މައްސަލަތައް އެމީހަކަށް ނުވެސް ވިސްނޭހައި ގޮތްގޮތުން ޙައްލުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ. ދަތިތަކުން އަރައިގަތުމަށް އޮތް އެންމެ ޔަޤީންކަންބޮޑު ގޮތަކީ މިއީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން