މިހާރަކަށް އައިސް ބޭއްވޭ ބައްދަލުވުންތަކުގައިވެސް މިފެންނަނީ ވަރަށް ދެރަ މަންޒަރެކެވެ. އަނެކާޢަކީ ދަށުދަރަޖައިގެ މީހަކުނަމަ ސަލާންކޮށްލާނެ މީހަކުވެސް ނުވެ ބާކީވާތަނެވެ. އެކަމަކު، ތަނަވަސް މީހުން، ބޮޑުން އެކަކު އަނެކެއްގެ އަތުން ދޫނުކުރެވިގެން އުޅޭތަންވެސް ފެނެއެވެ. މިއީ ކޮންކަހަލަ ކަމެއްތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ހަމައެކަނި ތިމާ ދަންނަ މީހުންނާ ނުވަތަ ތިމާއަށް ފައިދާއެއްކޮށްފާނެ މީހުންނާ ސަލާމްކުރާނެ ބައަކު އުޅޭނެކަމާއި އެއީ ފަހުޒަމާނުގެ ޢަލާމާތެއް ކަމަށް ބައެއް ޢިލްމްވެރިން ބަޔާންކުރައްވައެވެ. އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވުމެވެ. އެއިރުން ސުންނަތުގައި އޮތްގޮތް އެނގިލައްވާނެއެވެ. އިން ޝާ ﷲ
އަނަސް އިބްން މާލިކް ރިވާކުރައްވާފައިވެއެވެ. "ރަސޫލް (ﷺ) އާއި މިހަކު ސަލާމްކޮށްފިނަމަ އެމީހަކު އިތުރު އެކަލޭގެފާނުގެ އަތްޕުޅުން އަތް ދޫކޮށްލަންދެން ރަސޫލް (ﷺ) އޭނާގެ އަތުން އަޕްޕުޅު ދޫކޮށްލެއްވެވިތަން ތިމަން ދެކެވަޑައެއް ނުގަންނަވަމެވެ." ( އަބީ ދާވޫދު: 4974)
ރަސޫލް (ﷺ) އީ ދުނިޔެއަށް ފޮނުއްވެވުނު އެންމެ މާތް އިންސާނާއެވެ! އެންމެ މަތިވެރި އިންސާނާއެވެ! ޤިޔާމަތް ދުވަހު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާނީ އިތުރު އެކަލޭގެފާނަށްޓަކައެވެ. އެންމެ ފުރަތަމަ ސުވަރުގެ ވަދެވަޑައިގަންނަވާނީ އިތުރު އެކަލާގެފާނެވެ.
އެހެންކަމާއިއެކު ހަމައެކަނި މިބަސްފުޅުން ވެސް އެނގިގެން މިދަނީ ކޮންފަދަ ރިވެތި އަޚްލާޤެއްތޯއެވެ؟ ސިޔަރަތުން އެނގެން އޮތް ގޮތުގައި އިތުރު ރަސޫލާ (ﷺ) އެންމެ ގިނައިން ބަދަލުވެވަޑައިގަތީ އަދި ސަލާމް ކުރެއްވެވީ އެންމެ ނިކަމެތިންނާއިއެވެ. އެނގިގެން މިދަނީ އެމީހުންނާއިމެދުގައި ވެސް ރަސޫލް (ﷺ) ޢަމަލުކުރެއްވެވި ގޮތެވެ! އެމީހުންނަށް އިޙްތިރާމާއި ޤަދަރު ކުރެއްވެވި މިންވަރުވެ. އިތުރު ޞާހިބާގެ ހިތްޕުޅުގައި ބޮޑާކަމުގެ އެއްވެސް މިންވަރެއް ނެތްކަމެވެ.
ދެން ނިކަން މިއަދު އަހަރެމެންގެ ޙާލަތަށް ވިސްނައިލަބަލާށެވެ! ނިކަމެއްޗަކާ ބައްދަލުކުރަން ލަދުގަނެއެވެ. ސަލާންކުރަން ލަދުގަނެއެވެ ވާހަކަދައްކަން ލަދު ގަނެއެވެ. ވީމާ މިހިރަ ކަންކަމަށް އިތުރަށް ވިސްނައިލާށެވެ! ޢިބްރަތް ޙާޞިލުކޮށް އިޞްލާޙްކުރާށެވެ! ސުންނަތުގައި ހިމެނޭ ކިތަންމެ ކުޑަ ޢަމަލެއް ނަމަވެސް ނުކޮށް ދޫކޮށްނުލާށެވެ! ސުންނަތަށް ތަބަޢަވުމަކީ އެއީއެވެ.!
ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަތާއަތްޖޯޑުކުރައްވަވައި ސަލާމް ކުރެއވެވީ ހަމައެކަނި ފިރިހެނުންނާއި ކަމެވެ. ހިލޭ އަންހެނަކާއި އަތާއިއަތް ޖޯދުކުރައްވަވައި ސަލާމް ނުކުރައްވަވާ ކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން