މުޖުތަމަޢުގެ ލާބައާއި މަންފާއަށާއި ޤައުމުގެ ކުރިއެރުމަށް އަންހެނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ދެއްވާ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ރެހެންދި އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި އެވޯޑަށް ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 10 ޑިސެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ.
ރެހެންދި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާތަކުން އަންހެނުން ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ މުހިންމު ދައުރު ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ މަޤްޞަދުގައި ދެއްވާ އެވޯޑެކެވެ. މީގެއިތުރުން، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ތަފާތު ދާއިރާތަކަށް އަންހެނުން ނުކުތުމަށް ހިތްވަރުދީ ބާރުވެރިކުރުވުމުގެ އިތުރުން، އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރުދުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އަގުވަޒަންކުރުންވެސް މި އެވޯޑުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި އެވޯޑަށް ތިން ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެއީ:
- ވަކިވަކި އަންހެނުން
- ޖަމުޢިއްޔާ ޖަމާޢަތްތައް
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ)
މި ފަރާތްތަކަށް އަމިއްލައަށް ނަން ހުށަހެޅުމުގެ އިތުރުން، އެހެން ފަރާތަކުން ނޮމިނޭޓް ކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ނަން އަމިއްލައަށް ނުވަތަ އެ ކޮމިޓީއެއް ނިސްބަތްވާ ސިޓީ ނުވަތަ ރަށެއްގެ ލޯކަލް ކައުންސިލަށް ނުވަތަ އެހެން ފަރާތަކަށްވެސް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
މި އެވޯޑަށް ނަން ހުށަހަޅާއިރު، ކޮންމެ ފަރާތަކަށްވެސް ނަން ހުށަހެޅޭނީ ހަމައެކަނި އެއް ދާއިރާއިން ކަމަށް ކަނޑައަޅާފައިވެއެވެ.