އުއްތަމަ ފަނޑިޔާރަށް ޚާއްސަ އެލަވަންސެއް ދިނުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އުއްތަމަ ފަނޑިޔާރަށް ޚާއްސަ އެލަވަންސެއް ދިނުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެއްވަރުގެ މުސާރައަކާއި އިނާޔަތްތަކެއް އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާނެ މަގުފަހިކުރުމުގެ ގޮތުން، އެ މަޤާމުގެ އިނާޔަތްތައް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިއަދު ހެނދުނު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި އިނާޔަތްތަކުގެ ތެރެއިން އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތްތައް މުރާޖަޢާކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ.

މި ހުށަހެޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު މަމްދޫހު ވިދާޅުވީ، މި ބަދަލުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ މުސާރައާއި އިނާޔަތްތަކާ އެއްވަރުގެ މިންވަރެއް އުއްތަމަ ފަނޑިޔާރަށް ވެސް ހަމަޖައްސައިދިނުން ކަމަށެވެ. އެގޮތުން، އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް މުރާޖަޢާކުރުމަށްފަހު، ޚާއްސަ އެލަވަންސެއްގެ ގޮތުގައި މަހަކު 4,125 ރުފިޔާ ހަމަޖެއްސުމަށް އެ ހުށަހެޅުމުގައި ވެއެވެ.

ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތާއީދުކުރެއްވި މި ހުށަހެޅުން މާލިއްޔަތު ކޮމިޓީން ފާސްކޮށްފައި ވަނީ އެ ވަގުތު ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުންނެވެ.

މިއަދު އޮންލައިން