މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ތިލަފުށި ޕޯޓުން ދޭން ފެށި ފުރަތަމަ ޚިދުމަތް ކަމަށްވާ މުދަލާއެކު ކޮންޓެއިނަރ ދޫކުރުމުގެ ޚިދުމަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ، މުޅި މަޝްރޫޢު އެއްކޮށް ނިމެންދެން މަޑުނުކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުންނެވެ.
ރާއްޖޭގެ އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ފަށާފައިވާ މި މަޝްރޫޢަކީ، މާލޭ ވިޔަފާރި ބަނދަރަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، 24 ގަޑިއިރު ހިންގަންޖެހޭ ބޮޑު އޮޕަރޭޝަނަށް ހުރި ހުރަސްތައް ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ރާއްޖެއަކީ ބޭރުން މުދާ އެތެރެކުރާ މިންވަރު ނިސްބަތުން ވަރަށް ބޮޑު ޤައުމަކަށްވެފައި، އެތެރެކުރާ މައިގަނޑު ހުރިހާ މުދަލެއްވެސް ގެންނަނީ މާލޭ ވިޔަފާރި ބަނދަރު މެދުވެރިކޮށް ކަމަށްވާތީ، މިއީ ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަސައްކަތެވެ.
ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ބާރު ސްޕީޑުގައި ކުރިއަށްގެންދާއިރު، މި އައު ބަނދަރު ފުރިހަމަވުމުން ޕޯޓުގެ ޚިދުމަތްތައް ހަތަރު ގުނަ ފުޅާވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މި ބަދަލާއެކު މުދާ ކްލިއަރ ކުރުމުގެ ދުވެލި އަވަސްވެ، ބަނދަރުގެ ތޮއްޖެހުމަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.
މުޅި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިމޭނީ އަންނަ އަހަރު ކަމަށްވީ ނަމަވެސް، ތިލަފުށިން މުދަލާއެކު ކޮންޓެއިނަރ ދޫކުރަން މިހާރު ފެށުމަކީ ރާއްޖޭގެ ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް ފުޅާކުރުމަށް އެޅިގެންދިޔަ މުހިންމު ބިންގަލެކެވެ.