ބާރަށު ޖެޓީ އަދި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ބާރަށު ޖެޓީ އަދި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. ބާރަށު ޖެޓީ އަދި ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

މި މަޝްރޫއުގެ ދަށުން ބާރަށު ނެރު ފުންކުރުމާއި، އަލަށް ހަދާ ބަނދަރުގެ ފަޅު ފުންކުރުމުގެ އިތުރުން ނެރުފައިކަށި ގާއިމުކުރުމާއި، އެއްގަމުތޮށިލުމާއި ރޭމްޕް ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި ކުދި އުޅަނދުފަހަރާއި ޑިންގީ އެޅުމަށް ޚާއްސަ ކޮންކްރީޓް ޖެޓީއެއް ގާއިމުކުރުމާއި، ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ބަނދަރުގެ ދެފަރާތުގެ ވެލިގަނޑު ހިފެހެއްޓުމަށް ރިވެޓްމަންޓް ޖެހުމާއި، ސޭންޑް ފިލްޑް ބްރޭކްވޯޓާ ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ބަނދަރު ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި މޫރިން ބޯއީ ހަރުކުރުމާއި، ބަނދަރު ބައްތި އަދި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެއެވެ.

މި މަޝްރޫއުގެ އެންމެހައި މަސައްކަތްތައް އެއްކޮށް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ މުއްދަތެއްގައެވެ.

މިއަދު އޮންލައިން