އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަންވާނީ އިންސާނީ ވިސްނުން ކުރިއެރުވުމަށް ކަމަށާއި، އިންސާނުންގެ މެދުގައި އޮންނަ ތަފާތުކުރުންތަކާއި ނުރަނގަޅު ތަޞައްވުރު ފެތުރުމަކަށް ނޫން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އޮނަރަބަލް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ 2026 އޮކްޓޫބަރު 27 ގައި އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ފެށި '7 ވަނަ ވޯލްޑް ފޯރަމް އޮން އިންޓަރކަލްޗަރަލް ޑައިލޮގް' ގެ ތެރެއިން ބޭއްވި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގެ ހައި-ލެވެލް 3 ވަނަ ބައްދަލުވުމާއި ބާކޫ ޕްރޮސެސްގެ 6 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ޚާއްޞަ ޖޮއިންޓް ސެޝަންގައި ތަޤުރީރު ކުރައްވަމުންނެވެ.
އޮކްޓޫބަރު 27 އިން 29 އަށް "ޑައިލޮގް ފޯ އަ ޝެއަރޑް ފިއުޗަރ: ބިލްޑިންގ ބްރިޖަސް އިން އަ ފްރެކްޗަރޑް ވޯލްޑް" މި ޝިޢާރުގެ ދަށުން ކުރިއަށްދާ މި ފޯރަމްގައި ބަޔާން އިއްވަވަމުން މިނިސްޓަރ ހީނާ ވަނީ، އޭއައިގެ ވަސީލަތްތަކަކީ އެކަކު އަނެކަކަށް އޮންނަ ވިސްނުމާއި އިޙްތިރާމް އިތުރުކޮށްދޭ، އަދި ސަގާފީ ތަފާތުތަކަށް އިޙްތިރާމްކުރާ ވަސީލަތްތަކަކަށް ހެދުމަށް ގޮވާލައްވާފައެވެ. އަދި އޭއައި މެދުވެރިކޮށް ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓުވުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ފުރިހަމަނުވާ މަޢުލޫމާތާއި ތާރީޚީ ތަފާތުކުރުންތަކުގެ މައްޗަށް ބިނާވެފައިވާ އޭ.އައި ނިޒާމުތަކުގެ ސަބަބުން، މީހުންގެ މެދުގައި އޮންނަ ނުރަނގަޅު ވިސްނުންތަކާއި ތަޞައްވުރު އިހުނަށްވުރެ ބޮޑަށް ފެތުރިގެން ދިއުމުގެ ފުރުޞަތު އެބައޮތް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ހަމައެކަނި ފަންނިއްޔަތުގެ ގުޅުންތައް އިތުރުވުމަކީ އޭގެ ޒާތުގައި އިޙްތިރާމް އުފެދޭނެ ކަމެއް ނޫން ކަމަށާއި، ފަންނިއްޔާތާއެކު ފުންކޮށް ވިސްނުމާއި، ޒިންމާދާރުކަމާއެކު ބޭނުންކުރުމާއި، މާނަހުރި ސަގާފީ މުޢާމަލާތްތައް ބޭނުންވާނެ ކަމަށް އަލިއަޅުއްވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 'މޯލްޑިވްސް 2.0' ތަޞައްވުރާއި 2040 ވަނަ އަހަރަށް ދިވެހިރާއްޖެ ތަރައްޤީކުރުމަށް ގެންގުޅުއްވާ ވިސްނުންފުޅަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އިޤުތިޞާދީ ކުރިއެރުމާ އެކު ފަންނިއްޔާތުގެ ކުރިއެރުންތަކަކީ ހޭލުންތެރި، ބައިވެރިވުން އޮންނަ، އަދި އިޙްތިރާމްކުރާ މުޖުތަމަޢެއް ބިނާކުރުމަށް އެހީތެރިވެދޭ އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ.
މީގެއިތުރުން، ޑިޖިޓަލް ނިޒާމުތަކުގައި އެކި މުޖުތަމަޢުތަކާއި ބަސްބަސް ހަމަހަމަކަމާއެކު ތަމްސީލުވާންޖެހޭނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ "ޑިޖިޓަލް މުސްތަޤުބަލުގައި ބަހަކަށް އޮންނަ މަޤާމަކީ ހަމައެކަނި އެ ބަސް ބޭނުންކުރާ އާބާދީ ކުޑަބޮޑުމިނުގެ މައްޗަށް ބިނާވެފައި އޮންނަންޖެހޭނެ ކަމެއް ނޫން" ކަމަށެވެ. އަދި ދިވެހި ބަސް ހިމެނޭހެން ފަންނިއްޔާތަށް އަންނަ ބަދަލުތަކުގައި ދިވެހީންގެ ޢިލްމާއި ބައިވެރިވުން އޮންނަންވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އާބާދީ ކުޑަވި ނަމަވެސް މުސްތަޤުބަލު ބައްޓަންކުރުމުގައި ރާއްޖެއަށް އޮތް ޙައްޤު ހަމަހަމަވާނެކަން ހާމަކުރައްވައި، ސަރުކާރުތަކާއި، ފަންނިއްޔާތު އުފައްދާ ފަރާތްތަކާއި، ތަޢުލީމީ އިދާރާތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ. އަދި އޭ.އައި އިން އުފައްދާ މަޢުލޫމާތު ވަޒަންކޮށް، އޭގެ އުނިކަންކަން ދެނެގަތުމަށް ތަޢުލީމީ ނިޒާމުގެ ތެރެއިން ޒުވާނުން ބާރުވެރިކުރުވުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
ވަޒީރު ހީނާ ވަލީދު ވާހަކަފުޅު ނިންމަވާލެއްވީ، ފަންނިއްޔާތުގެ މުސްތަޤުބަލު އޭ.އައި އިން ބައްޓަންކުރި ނަމަވެސް، މުޅި އިންސާނީ މުސްތަޤުބަލު ބައްޓަންކުރަންވާނީ ބުއްދިވެރިކަމާއި، ޒިންމާދާރުކަމާއި، އަދި އެކަކު އަނެކަކަށް ކުރާ އިޙްތިރާމުގެ މައްޗަށްކަން ހަނދާންކޮށްދެއްވަމުންނެވެ.