ދެއަންތބަށް ކުރާ ގިނަ ކައިވެނި ފޭލްވާ ސަބަބާއިމެދު އެކިމީހުން ދެކެނީ އެކި ގޮތަށެވެ. އެހެންކަމުން އެންމެން ދެކޭގޮތް ހާމަކުރަންވެއްޖެނަމަ ޖެހޭނީ ބޮޑު ފޮތެއް ލިޔާށެވެ. އެހެންވެ އަހުރެން މިބުނަނީ އަހުރެންނަށް އެންމެ ފާހަގަކުރެވޭ ދެސަބަބެވެ.
ފުރަތަމަ ސަބަބަކީ ދޮށީ އަނބިމީހާއަށް މަކަރުހަދައި އޮޅުވާލައިގެން ސިއްރުން ކައިވެނިކުރާކަމެވެ. މިފަދަ ކައިވެންޏެއް ކޮށްގެން އުޅޭކަން ދޮށީ އަނބިމީހާއަށް އެކަން ބަލައެއް ނުގަނެވޭނެއެވެ. ރުޅިއައުދެވޭނެއެވެ. އެއީ އިތުބާރު ގެއްލުވައިލެވޭތީއެވެ. އެއިރުން އެމީހަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
ދެވަނަ ސަބަބަކީ އަނބިމީހާގެ ހެޔޮކަމުން ދެވަނަ އަންތބަކު ހޯދައިދިނީމާ، ނުވަތަ ދެވަނަ އަންތބަކު ހޯދަން ފުރުޞަތުދިނީމާ ދެވަނަ އަންތބަކު ހޯދައި ދޮށީ އަނބިމީހާ ބާކީކޮށްލާ ކަމެވެ. އެއިރުން އެކުރެވެނީ ވަރަށް ބޮޑު އަނިޔާއެކެވެ. އަނިޔާވެރިންނަކަށްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ.
ތިންވަނަ ސަބަބަކީ ޝަރުޠުހަމަނުވެ އަނބިން ގިނަކުރާކަމެވެ. ޝަރުޠުހަމަނުވުން ކަމަށް މިބުނަނީ މިހާރު އިން އަނބިމިހާއާއި ލިބިފައިވާ ދަރިންގެ ޚަރަދުތައްވެސް ނުބެލެހެއްޓޭއިރު އިތުރު ކައިވެނި ކުރުމަށެވެ. އެއީ އެކަންކުރަން ދީނުގައި އޮތްގޮތެއް ނޫނެވެ. ސުންނަތެއް ޙާޞިލުކުރަން ކަމަށްބުނެ ދީނުގައި ނެތްގޮތަކަށް ކަންތައްކުރުމުން ލިބޭނީ ޢަޛާބު ނޫންހެއްޔެވެ؟
އަހުރެންނަކީ އަންހެނަކީމެވެ. އެދެނީ ހުރިހާ އަންހެނުންނަށްވެސް އުފާވެރިކަމެވެ. ވީމާ އެކަނި ތިބެންޖެހިފައިވާ އަންހެނުން މިހައިގިނައިރު ދެއަންތބަށް ކައިވެނިކުރަން އަހުރެން ހިތްވަރުދެމެވެ. އެކަމަށް އެހީތެރިވާންވެސް ބޭނުމެވެ. އެހެންކަމާއިއެކުވެސް މިބުނަނީއެވެ. އެކަންކުރަންވާނީ ހިތްވަރުހުރިނަމައެވެ. ގިނަ އަނބިން ގެންގުޅެވޭނެ ނަމައެވެ. މަކަރުނުހަދައެވެ. އަނބިންގެ މެދުގައި ޢަދުލުވެރިވެވޭނެ ނަމައެވެ. ނޫންނަމަ ވާނީ ފާފަވެރިއެވެ.
- ޑރ. ޒައިނަބް
- މިއަދުނޫސް