ގިނަ ބައަކަށް ކެތްތެރިވުން މާނަކުރެވެނީ އެއްޗަކަށްލައި ބަންދުކޮށްފައި ބާއްވަންޖެހޭ އެއްޗެއްގެ ގޮތުގައެވެ. އެއީން އެއްވެސް މިންވަރެއް ބޭރުވެގެން ނުވާނެ ކަމަށެވެ. ނަފްސާނީ ބަލިޖެހި މީހާ ހަލާކުވެގެންދަނީ އެވިސްނުމުގެ ސަބަބުންނެވެ.
ބުނަންހެއްޔެވެ؟ ކަންކަން ކުރިމަތިވުމުން ދެރަނުވާނެ މީހެއް އަދި ނުރޮވޭނެ މީހަކު ނުހުންނާނެއެވެ. ސިއްރުން ނަމަވެސް އެކަންކަން ކުރާނެއެވެ. ކަންކަން ކުރިމަތިވުމާއިމެދު ދަންނާށެވެ!
- ޔަޢްޤޫބްގެފާނު ދެރަފުޅުވެ ކީރިތިކުރަވަމުން ގެންދެވުމުގެ ސަބަބުން ދެލޯފުޅުގެ ފެނުން ގެއްލިގެންދިއައެވެ. އެއީ އެކަލޭގެފާނުގެ ކިބައިގައި ކެތްތެރިކަން ނެތީމައިހެއްޔެވެ؟ އެހެންނަކުން ނުވާނެއެވެ.
އަދި ކީއްހެއްޔެވެ؟ ޝަކުވާވެސް ކުރެއްވެވިއެވެ. ތަފާތަކީ ޝަކުވާ ކުރެއްވެވި ގޮތެވެ. ޝަކުވާކުރެއްވެވީ އެއްވެސް މީހަކަށް ނޫނެވެ. ކަންބޮޑުވެވަޑައިގެން ޝަކުވާ ދެންނެވީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. އަހުރެމެންގެ ތެރެއިން ގިނަބައަކަށް އޮޅުވައިލެވެނީ މިކަމެވެ. ޝަކުވާކުރަނީ މީހުންނަށެވެ. ޙައްލަށް އެދެނީވެސް މީހުންގެ ކިބައިންނެވެ.
ލޮބުވެތި އެކުވެރިންނޭވެ! ކަންކަން ކުރިމަތިވުމުން ކެތްތެރިވުމަކީ ދެރަނުވުމެއް ނޫނެވެ. ކަރުނަ ނުއޮހޮރުމެއްވެސް ނޫނެވެ. ސަމާލުކަންދޭންވީ އެންމެ ކަމަކަށެވެ. އެއީ އެކަމުގެ ޝަކުވާ ﷲ ތަޢާލާގެ ޙަޟްރަތުގައި ނޫނީ ނުދެންނެވުމަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމަށެވެ! އެކަންކަން އެގޮތަށް ކުރެވޭނީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރެވިގެންނެވެ.
ކޮންމެ މީހަކުވެސް ވާންވީ މިބުނިމަގުން ކެތްތެރިވާ މީހަކަށެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. ނެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އުސްތާޛާ ޔާސްމީން މުޤާހިދުގެ ދަރުސަކުން