ސައިލާއަކީ ސިފަހުތުރު އަންހެނެއް ނޫނެވެ. ހަމައެކަނި ތަންކޮޅެއް ފަލައީއެވެ. ކައިވެންޏަށް ދަރިއަކު ލިބިފައިވަނިކޮށް 3 ވަނަ އަހަރު ފިރިމީހާ ގެއަށް ލޫޅާފަތި އަންހެނަކު ގެނެސް އޭނާގެ ކުރިމަތީގައި ފުރައްސާރަކޮށްފައި ބުނީ ތިއަހުރީ ވަރިކޮށްފައި ކަމަށާއި އަވަހަށް ގެއަށް ދިއުމަށެވެ.
ސައިލާ ވަރަށް ދެރަވިއެވެ. ނަމަވެސް އަނގައިންވެސް ނުބުނެ ހުރެ ދަރިފުޅު ގޮވައިގެން ގެއިން ނުކުމެގެންދިއައީއެވެ. މަންމަމެންގެ ގާތަށެވެ. ގޭގައި 2، 3 ދުވަސްވުމުން ޤަޞްދުކުރީ އަމިއްލައަށް ކޮންމެވެސް މަސައްކަތެއް ފެށުމަށެވެ.
ފޭސްބުކްގެ ސްޓޭޓަސްގައި ލިޔެލިއެވެ. "ދިވެހި އަންހެނެއްގެ އަތުން ކައްކާފައިވާ ކެއުމެއް ބޭނުންހެއްޔެވެ؟ ހުރީ 12 ޕާރުސަލެވެ. މިއަދުގެ ކެއުމަކީ ފިހުނުމަހާއި ބަތެވެ. ބޭނުމިއްޔާ އޯޑަރުކޮށްލާށެވެ. ގެންގޮސްދޭނަމެވެ." ޕޯސްޓްކޮށްލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވިކިއްޖެއެވެ. ގަތީވެސް އެކެކެވެ. ގެންދަން ޖެހުނީ އޮފީހަކަށެވެ. ގެންދިއައީ އަމިއްލައަށެވެ.
ކޮންމެ ދުވަހަކު 12 ޕާރުސަލް ތައްޔާރުކޮށް ވިއްކަންފެށި ސައިލާއަށް އެކުވެރި އަންހެނަކު އެހީތެރިވިއެވެ. 3 މަސްވީތަނާ ރެސްޓޯރަންޓެއް ހުޅުވައިދިނެވެ. ސައިލާ ހިންގާ ގޮތަށެވެ. ފައިދާ ދެއަންހެނުންނަށް ބަހާ ގޮތަށެވެ. އެވިޔަފާރީގެ ކާމިޔާބީ އިތުރަށް ކިޔައިދެވޭކަށް ނެތެވެ. ކުޑަކޮށް ބުނެލިނަމަވެސް ގިނަ ބައަކަށް ސައިލާ އެނގޭނެތީއެވެ.
ނަމަވެސް އެންމެ މުހިންމު ވާހަކަ ބުނެލާނަމެވެ. އެސައިލާ ދެކެ ވަރަށް ލޯބިވާ ފިރިއަކު އެބަހުއްޓެވެ. ދިރިއުޅެނީ އަމިއްލަ މަސައްކަތުން އެންމެ އަގުބޮޑު ފްލެޓެއް ގަނެގެންނެވެ. ސައިލާއަށް އެންމެ އުނދަގޫވާ ކަމަކީ ސިފަހުތުރުވެގެން ވަރިކޮށްލިމީހާ، ސައިލާއާއި ވާހަކަދެއްކޭތޯ އިރުއިރުކޮޅުން ރެސްޓޯރަންޓަށްދާކަމެވެ. ސައިލާ ހުރީ ހަތަރުކަޅި ހަމަކުރާ ގޮތަކަށް ނޫނެވެ.
ވަރަށް ކުރު ގޮތަކަށް މިކިޔައިދިނީ އަޅުގަނޑުގެ އެކުވެރި ސައިލާގެ ވާހަކައެވެ. ނިކަން ވިދާޅުވެބައްލަވާށެވެ! ސިފަހުތުރުވެގެން އެކަނިވެރިކޮށްލެވޭ އަންހެނުންނަށް ސައިލާގެ ވާހަކަ އަގުހުރި ފިލާވަޅަކަށްނުވޭތޯއެވެ؟
- ޖަމްޝީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް