ކޮންމެ ޙާލެއްގައިވެސް ދީނުގެ އެއްވެސް ކަމަކަށް ފަރުވާކުޑަނުކުރުމަކީ ކުރިމަތިވާ ކަންކަމުން ފަސޭހައިން އަރައިގަނެވޭނެ ސަބަބެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކޮންމެ ޙާލެއްގައިވެސް ދީނުގެ އެއްވެސް ކަމަކަށް
ފަރުވާކުޑަނުކުރުމަކީ ކުރިމަތިވާ ކަންކަމުން ފަސޭހައިން އަރައިގަނެވޭނެ ސަބަބެއް!
އިން ޝާ ﷲ

  

ތިމާގެ ވަށައިގެންވާ ކޮންމެ ކަމަކަށް ސަމާސަ ކުރި ނަމަވެސް ދީނަށް ސަމާސަ ނުކުރަން އިމާމް މާލިކް ވިދާޅުވެފައިވާ ބަސްފުޅުގެ މާނައާއިމެދު ވިސްނާލަންވާނެއެވެ. މުސްލިމުންނަކީ ދީނަށް ސަމާސާކުރާނެ ބައެއް ނޫނެވެ. އެހެންކަމުން މިބަސްފުޅާއިމެދު ފުންކޮށް ވިސްނައިލަމާ ހިނގާށެވެ!  

ތިމާގެ ވަށައިގެންވާ ކޮންމެ ކަމަކަށް ސަމާސަ ކުރި ނަމަވެސް ދީނަށް ސަމާސަ ނުކުރަން އިމާމް މާލިކް ވަނީ ވިދާޅުވެފައެވެ.  

މިއީ ވަރަށް ޢިބްރަތްތެރި ނަޞޭޙަތުގެ ބަސްފުޅެކެވެ. މިބަސްފުޅުގައި ދީނަށް ސަމާސަކުރުން މާނަކުރައްވާފައި އެވަނީ ވަރަށް ފުޅައުކޮށެވެ! އެއީ މީސްތަކުން އެކަކު އަނެކަކަށް އެކުރާ ސަމާސާގެ ވާހަކައެއް ނޫނެވެ!  

އަހަރެންނަށް ވިސްނޭ ގޮތުން އިމާމް އެ ބަޔާން ކުރައްވަވަނީ ކޮންމެ ކަމަކަށް ފަރުވާ ކުޑަކުރި ނަމަވެސް ދީނުގެ ކަންކަމަށް ފަރުވާކުޑަ ނުކުރުމަށެވެ! ވާޖިބުތަކާއި ސުންނަތްތައް ފުރިހަމައަށް އަދާކުރަމުން ގެންދިއުމަށެވެ. އެކަންކަމުގައި އެއްވެސް މިންވަރަކަށް އިހްމާލު ނުވުމަށެވެ.

ދުނިޔަވީ ކަމެއްގައި އިހްމާލު ވެވިއްޖެނަމަ އެކަން ކޮންމެވެސް ގޮތަކުން ފޫބެއްދިދާނެއެވެ. ނަމަވެސް ދީނުގެ ކަންކަމަކީ ވަގުތާއި ފުރުޞަތު ދޫކޮށްލުމުން އަނބުރައި އިޢާދަކުރުން ފަސޭހަ ކަންކަމެއް ނޫނެވެ. ގިނަވާނީ އަނބުރައި އިޢާދަ ނުކުރެވޭނެ ކަންކަމެވެ.  

އެންމެ އާންމު ކަންކަމަށް ބަލާއިރު ގިނަ ބައަކަށް އެންމެ ބޮޑަށް އިހުމާލުވެވޭ އެއްކަމަކީ ފަރުޟު ނަމާދުތަކަށް ރައްކައުތެރިވުމެވެ. ފަރުޟު 5 ނަމާދު އެނަމާދުގެ ވަގުތުގައި އަދާކުރުމަށް  ރައްކައުތެރި ނުވެވޭ މީހަކަށް 5 ނަމާދު އޮންނާނީ ހަމަ ނުކުރެވިފައެވެ. ވީމާ ދީނުގައި އަދާކުރަންޖެހޭ އެއްވެސް ވާޖިބަކަށް އިހްމާލު ނުވާށެވެ! އެންމެ ބޮޑު ސަމާލުކަމެއް ދޭ ކަމަކީ ފަރުޟުތައް އަދާކުރުން ކަމުގައި ދެކޭށެވެ! އެއިރުން އެމީހަކަށް ކުރިމަތިވާ ކަންކަމުން އަރައިގަނެވޭނެ މަގެއް ﷲ

ތަޢާލާ ދައްކަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން