ންގް ކޮންގްގައި ބޭއްވި "އިކޯ އެކްސްޕޯ އޭޝިއާ 2026" ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލާ ޢާއިޝަތު އިނާޔާ އާއި ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢަލީ ނާޞިރު އިއްޔެ ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުވުމަކީ ރާއްޖެއިން ތިމާވެށީގެ ދާއިރާއިން ދެމެހެއްޓެނިވި ހައްލުތަކަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އެކްސްޕޯއަކީ ސަރަޙައްދީ ފެންވަރުގައި ސަރުކާރުތަކާއި، ވިޔަފާރިތަކުގެ އިތުރުން ކަމާގުޅުންހުރި އެކި ފަރާތްތައް އެއްތަންކޮށްދޭ މުހިންމު މަންސައެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ގުޅުންތައް ބަދަހިކުރުމާއި، ތިމާވެއްޓާ ގުޅޭ އައު އީޖާދީ ހައްލުތައް ދައްކާލުމުގެ އިތުރުން، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމެވެ. މި އެކްސްޕޯގައި ރާއްޖެއިން ބައިވެރިވުމުގެ ބޭނުމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ތިމާވެއްޓާ ގުޅޭ އައު ހައްލުތަކުގެ ފައިދާ ހޯދައި، ރާއްޖޭގެ ތިމާވެށީގެ ސިޔާސަތުތައް އިތުރަށް ކުރިއެރުވުމަށް މަގުފަހިކުރުމެވެ.
އީކޯ އޭޝިއާ ކޮންފަރެންސް 2026 ގެ ތެރެއިން ކުރިއަށްދިޔަ ސަރުކާރުތަކުގެ ސެޝަންގެ ޕެނަލް މަޝްވަރާގައި، "ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ އާއި އައު އީޖާދުތައް: ސިލްކް ރޯޑްގައި ދެމެހެއްޓެނިވި ތަރައްޤީ އާއި އެންމެނަށް ލިބިދޭ ތަނަވަސްކަން ކުރިއެރުވުން" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޢާއިޝަތު އިނާޔާ ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދެމެހެއްޓެނިވި ތަރައްޤީ ހޯދުމަށް އީޖާދީ ހައްލުތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި މަޝްވަރާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކުގެ މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށާއި، ދިރުންތަކުގެ މުއްސަނދިކަން ރައްކާތެރިކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށްޓަކައި، އަގުހެޔޮ އަދި އެ ޤައުމުތަކުގެ މާޙައުލާ ގުޅޭ އީޖާދީ ހައްލުތަކަކީ ކޮންމެހެން ބޭނުންތެރި ކަންތައްތަކެއް ކަމަށެވެ. މީގެ ސަބަބުން ތިމާވެށީގެ ގޮންޖެހުންތަކަށް ހަރުދަނާ ހައްލުތަކެއް ލިބި، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ކޮންފަރެންސްގައި ބޭނުންކުރި ސިލްކް ރޯޑްގެ ތީމަކީ މުސްތަޤްބަލުގައި ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް މުހިންމު މަގެއް ކޮށައިދޭނެ ކަމެއްކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީއާއި އައު އީޖާދުތަކުގެ މުހިންމުކަން ފާހަގަކޮށް، ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް މި މަޝްވަރާގައި ބައިވެރިވި ފަރާތްތަކުން ވަނީ އެއްބަސްވެފައެވެ.