މުދާ ވިއްކާނެ ކަމަށް ބުނެ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދި ދެ މައްސަލައަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫ، ހީނާގެ، ޢަލީ ޢައްފާން (32އ) އާއި، އެ ރަށު ޕްލާޒާ، މުޙައްމަދު ޙަމީދު (34އ) ގެ އިތުރުން ނ. ވެލިދޫ، ވީނަސް، ޙައްސާނު ޢަލީ (34އ) އެވެ.
ފުލުހުން ވިދާޅުވީ ޙައްސާނު ޢަލީ ހައްޔަރުކުރީ 2026 ސެޕްޓެންބަރު 2 ވަނަ ދުވަހު ފޭސްބުކް މާކެޓްޕްލޭސްއިން ދިމާވި މީހަކަށް ޑިންގީއެއް ވިއްކާނެ ކަމަށް ބުނެ، މަކަރާއި ހީލަތުން 30,000 ރުފިޔާ އަތުލާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އޮކްޓޫބަރު 25 ވަނަ ދުވަހު ވެލިދޫއިން އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ދެން ހިމެނޭ ޢަލީ ޢައްފާން އަދި މުޙައްމަދު ޙަމީދު ހައްޔަރުކޮށްފައިވަނީ 2026 އޮގަސްޓު 7 ވަނަ ދުވަހު ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އިންޖީނެއް ވިއްކާނެ ކަމަށް ބުނެ، ހީލަތްތެރިކަމާއެކު 30,000 ރުފިޔާ ހޯދި މައްސަލައެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހޮޅުދޫއިން ހައްޔަރުކުރީ އޮކްޓޫބަރު 24 ވަނަ ދުވަހުއެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި ދެ މައްސަލަ ވެސް އިތުރަށް ތަހުގީގުކުރަމުންނެވެ.