މޯލްޑިވްސް ޒަކާތު ހައުސްއިން އެ އިދާރާގެ ފުރަތަމަ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (2026–2028) އިފްތިތާޙުކޮށްފިއެވެ. މި ޕްލޭނަކީ ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށާއި، ޒަކާތް ބަލައިގަންނަ މިންވަރު އިތުރުކުރުމަށާއި، އުފެއްދުންތެރި ޒަކާތުގެ ޕްރޮގްރާމްތައް ފުޅާކުރުމުގެ އިތުރުން އިދާރާގެ ޤާބިލުކަން އިތުރުކުރުމަށް އެކުލަވައިލެވިފައިވާ ތިން އަހަރު ދުވަހުގެ މަގުޗާޓެކެވެ.
މި ޕްލޭން އިފްތިތާޙުކޮށްފައިވަނީ މިއަދު މާލެ ސިޓީގެ އިސްލާމީ މަރުކަޒުގައި ކުރިއަށްދާ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2026ގެ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.
މި އިދާރާ ތަރައްޤީވަމުން އަންނަ މުހިންމު ދަނޑިވަޅެއްގައި އެކުލަވައިލެވުނު މި ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ، ޒަކާތުގެ އިދާރީ ނިޒާމު ޒަމާނީކުރުމަށާއި، އިޖުތިމާޢީ ރައްކާތެރިކަމާއި އިޤްތިޞާދީ ފުދުންތެރިކަން ކުރިއެރުވުމުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ދައުރު ވަރުގަދަކުރުމަށް އެކުލަވައިލެވިފައިވާ އޮނިގަނޑެކެވެ. މި ޕްލޭނުގައި މި އިދަރާއިން އިސްކަންދޭނެ މައިގަނޑު ހަތަރު ސްޓްރެޓީޖިކް ކަމެއް ފާހަގަކޮށްފައިވާއިރު، މި ކަންކަން ހާސިލުކުރުމަށްޓަކައި ކަމާގުޅޭ ފަރާތްތަކުގެ ބައިވެރިވުމާއި، މާލީ ނަތީޖާއާއި، އޮޕަރޭޝަނަލް ހިންގުންތެރިކަމާއި، އަދި ދަސްކުރުމާއި ކުރިއެރުމުގެ ދާއިރާތައް ހިމެނޭހެން ނުވަ ސްޓްރެޓީޖިކް ލަނޑުދަނޑިއެއް ކަނޑައަޅާފައިވެއެވެ.
އިތުބާރު ދެމެހެއްޓުމާއި ޢާންމުން ހޭލުންތެރިކުރުވުން:
މި ޕްލޭނުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ހިންގުމުގެ އުސޫލުތައް ޢާންމުކުރުމާއި، ގަވާއިދުން މާލީ ރިޕޯޓުތައް ހާމަކުރުމާއި، ޒަކާތް ދައްކާ ފަރާތްތަކަށާއި ޒަކާތުގެ މަންފާ ލިބޭ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމުގެ ތެރެއިން ދެފުށް ފެންނަ މިންވަރު އިތުރުކޮށް، ޒިންމާދާރުކަން ކަށަވަރުކޮށް، ޢާންމުންގެ އިތުބާރު ބޮޑުކުރުމަށެވެ.
މީގެއިތުރުން، ފުރިހަމަ މާކެޓިންގ ސްޓްރެޓެޖީއަކާއި، ތަޢުލީމީ ޕްރޮގްރާމްތަކާއި އަދި ހޭލުންތެރިކުރުމުގެ ހަރަކާތްތައް މެދުވެރިކޮށް ޒަކާތާ ގުޅޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒު ހިފާފައިވެއެވެ. 2028ވަނަ އަހަރުގެ ނިޔަލަށް، ޒަކާތުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކުގެ ޒަރީޢާއިން އާބާދީގެ މަދުވެގެން 25 އިންސައްތައަށް ވާސިލުވުމަށާއި، އަލަށް ޒަކާތް ދައްކާ ފަރާތްތައް އަމިއްލައަށް އިސްނަގައިގެން ޒަކާތް ދެއްކުން ނުވަތަ ރަޖިސްޓްރީވުން 20 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން އަމާޒު ހިފާފައިވެއެވެ.
ޒަކާތް ބަލައިގަންނަ މިންވަރާއި ވަސީލަތްތައް އިތުރުކުރުން:
ކުންފުނިތަކާއި، ބޮޑެތި ވިޔަފާރިވެރިންނާއި، ޒުވާން ޕްރޮފެޝަނަލުން އަދި އަލަށް އުފެދޭ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތަކުގެ ތެރެއިން ޒަކާތް ލިބޭ މިންވަރު ފުޅާކުރުމަށްވެސް ޕްލޭނުގައި ހިމަނާފައިވެއެވެ.
މި ޕްލޭނުގައި މުދަލު ޒަކާތް ލިބޭ މިންވަރު އަހަރަކު 10 އިންސައްތަ އިތުރުކުރުމަށް ލަނޑުދަނޑިއެއް ކަނޑައަޅާފައިވާއިރު، 2028 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށްދާއިރު އަހަރަކު ލިބޭ ޖުމްލަ ޒަކާތުގެ މަދުވެގެން 25 އިންސައްތައަކީ ކުންފުނިތަކުންނާއި ބޮޑެތި ވިޔަފާރިވެރިންގެ ފަރާތުން ލިބޭ ޒަކާތް ކަމުގައި ހެދުމަށް ވަނީ ލަފާކޮށްފައެވެ.
ދާރުލް އަރުޤަމް އަދި ދާރުއްސަލާމް ހިމެނޭހެން ވަޤުފް ރިއަލް އެސްޓޭޓް މަޝްރޫޢުތައް ތަރައްޤީކުރުމަކީ ވެސް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ ވަސީލަތްތައް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
އުފެއްދުންތެރި ޒަކާތް ކުރިއެރުވުން:
މި ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ވަކިން ޚާއްޞަ އިސްކަމެއް ދީފައިވަނީ، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އަމިއްލަ ދިރިއުޅުން ބިނާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މިލްކިއްޔާތު ބިނާކުރުމާއި ޤާބިލުކަން އިތުރުކުރުމުގެ ހަރަކާތްތަކަށް މިސްރާބު ބަދަލުކޮށް، އުފެއްދުންތެރި ޒަކާތުގެ ނަތީޖާ އެންމެ ފުރިހަމައަށް ނެރުމަށެވެ.
މި އިދާރާގެ އަމާޒަކީ މިހާރުވެސް އެހީ ލިބޭ ފަރާތްތަކުގެ ޕްރޮފައިލްތައް އެފަރާތްތަކުގެ އުފެއްދުންތެރި މަސައްކަތްތަކުގެ ޤާބިލުކަމަށް ބަލައި ވަޒަންކުރުމާއި، ޝަރީޢާ ހުއްދަކުރާ މާލީ އެހީ ކަނޑައެޅުމުގެ އައު ސިޔާސަތެއް އެކުލަވައިލުމެވެ. އަދި 2028 ވަނަ އަހަރުގެ ނިޔަލަށް، ދިގު މުއްދަތަކަށް އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން 15 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ ނިސްބަތެއްގެ ބަޔަކު އަމިއްލަ ފުދުންތެރިކަމަށް ވާސިލުވެ، ކުރިއަށްއޮތް ތަނުގައި ޒަކާތް ދައްކާ ފަރާތްތަކަކަށް ބަދަލުވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ.
މަސައްކަތްތައް ޒަމާނީކުރުމާއި އިދާރާގެ ޤާބިލުކަން އިތުރުކުރުން:
މި ޕްލޭނުގައި އެތެރޭގެ މައިގަނޑު މަސައްކަތްތަކާއި ޒަކާތް ލިބޭ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށާއި، ޚިދުމަތް ފޯރުކޮށްދިނުން ހަރުދަނާކުރުމަށް އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގެންފައިވާ އެންމެ ރަނގަޅު އުސޫލުތައް ޤާއިމުކުރުމަށް އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވެއެވެ. އަމާޒުތަކުގެ ތެރޭގައި 2027 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ މައިގަނޑު މަސައްކަތްތަކަކާއި ޚިދުމަތްތަކެއް ޑިޖިޓަލް ޕްލެޓްފޯމްތަކަށް ބަދަލުކުރުމާއި، 2028 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށް މުހިންމު ޒަކާތުގެ ޚިދުމަތްތައް ދިނުމަށް ހޭދަވާ ވަގުތު 30 އިންސައްތަ ކުޑަކުރުން ހިމެނެއެވެ.
މީގެ އިތުރުން އިސްކަންދޭ ކަންކަމުގެ ތެރޭގައި ޒަކާތު ހައުސްގެ މައި އިދާރީ އޮފީސް އިމާރާތެއް ޤާއިމުކުރުމާއި، އިދާރީ އޮނިގަނޑު ހަރުދަނާކުރުމާއި، މަސައްކަތުގެ ގަވާއިދުތަކާއި އިދާރާގެ މިންގަނޑުތައް އެކުލަވާލައި ޝާއިއުކުރުމާއި، މުވައްޒަފުން ތަމްރީނުކުރުމަށާއި ފަންނީ ގޮތުން ކުރިއެރުވުމަށް އިންވެސްޓްކުރުން ހިމެނެއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ އަމާޒަކީ ޔުނިވަރސިޓީތަކާއި ސިޔާސަތުތައް އެކަށައަޅާ އިދާރާތަކާ ގުޅިގެން ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރެވޭނެ އިންތިޒާމުތައް ޤާއިމުކުރުމާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގެންފައިވާ ޒަކާތުގެ އިދާރާތަކާއެކު އެއްބަސްވުންތައް ޤާއިމުކޮށް ޒަކާތުގެ ދާއިރާއިން ބައިނަލްއަޤްވާމީ އެއްބާރުލުން ވަރުގަދަކުރުމެވެ.
މި ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއެކު ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މަގުޞަދަކީ ދެފުށް ފެންނަ، ހަލުވި އަދި އިތުބާރު ހިފޭ ޒަކާތުގެ ނިޒާމެއް ބިނާކުރުމެވެ. އެއީ ހަމައެކަނި ވަގުތީ ބޭނުންތައް ފުއްދައިދިނުމުގެ އިތުރުން، އެހީ ލިބޭ ފަރާތްތަކަށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ދެމެހެއްޓެނިވި ފުރުޞަތުތައް ފަހިކޮށްދީ، އަމިއްލަ ފުދުންތެރިކަން ހުރި މުޖުތަމަޢެއް ބިނާކުރުމަށް ޙިއްޞާވެވޭނެ ފަދަ ނިޒާމަކަށް ރާއްޖޭގެ ޒަކާތުގެ ނިޒާމު ބަދަލުކުރުމަށް ޓަކައެވެ.
ހަބަރު: ޒަކާތުހައުސް