ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން ވަޒީރުންގެ ކާރު އެލަވަންސް އަދި ކައުންސިލަރުންގެ އެލަވަންސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބަދަލުތައް ފާސްކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކަމާ ގުޅޭގޮތުން ނިންމި ގޮތުގެ ރިޕޯޓުތަކަށް މިއަދުގެ ޖަލްސާގައި ނެގި ވޯޓުންނެވެ.
މަޖިލީހުގެ ރައީސްގެ މުސާރައާއި އިނާޔަތް އަދި ވަޒީރުންގެ ކާރު އެލަވަންސް ބޮޑުކުރަން ނިންމި ނިންމުން ފާސްވީ 42 މެންބަރުންގެ ވޯޓުންނެވެ. އެ ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުންނެވެ. މީގެއިތުރުން، އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް ފެންނަކަމަށް 40 މެންބަރަކު ވޯޓު ދެއްވިއިރު، އެކަމާ ދެކޮޅަށް ވެސް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.
މާލިއްޔަތު ކޮމިޓީން ގެނައި ބަދަލުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މަހަކު 22,000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލާއެކު މަޖިލިސް ރައީސްގެ މުސާރައާއި އިނާޔަތްތައް އެއްކޮށް މަހަކު 95,125 ރުފިޔާއަށް އިތުރުވެގެންދާނެއެވެ. މީގެ ކުރިން މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 91,000 ރުފިޔާ ލިބިވަޑައިގަންނަވާ އުއްތަމަ ފަނޑިޔާރަށް، އަލަށް ހަމަޖެއްސި 4,125 ރުފިޔާގެ ހާއްސަ އެލަވަންސާއެކު ޖުމްލަ 95,125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
ވަޒީރުންގެ ކާރު އެލަވަންސް 17,000 ރުފިޔާއަށް ބޮޑުކުރުމަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މިހާރު ވަޒީރަކަށް މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކު 58,500 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މި ބަދަލާއެކު ޖުމްލަ އަދަދު 75,500 ރުފިޔާއަށް އަރާނެއެވެ. މީގެ އިތުރުން ކައުންސިލަރުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ ކައުންސިލަރަކަށް މަހަކު 5,000 ރުފިޔާގެ ސާވިސް އެލަވަންސެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
މާލިއްޔަތު ކޮމިޓީއަށް މި އިސްލާހުތައް ހުށަހެޅުއްވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ފުނަދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރު މުހައްމަދު މަމްދޫހެވެ. ފުރަތަމަ ކޮމިޓީއަށް ހުށަހެޅީ މަޖިލީހުގެ ރައީސާއި ވަޒީރުން އަދި ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް ކަމަށް ވިޔަސް، ފަހުން އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތްތައް ވެސް ބޮޑުކުރުމަށް ހުށަހަޅައި ކޮމިޓީން ވަނީ ފާސްކޮށްފައެވެ.