ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ބަދަހިކަންމަތީ ދެމިއޮތުމުގެ އެންމެ މުހިންމު އަސާސަކީ ދެ ޤައުމުގެ މެދުގައި އޮތް ސިޔާސީ އިތުބާރު ކަމުގައި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ. ސަފީރު މިހެން ވިދާޅުވީ "މޯލްޑިވްސް އެކްސްޕޯ 2026" އާ ގުޅުވައިގެން ބޭއްވި "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވުމާ ގުޅިގެން އެމަނިކުފާނަށް ޝުކުރު އަދާކުރައްވަމުން ސަފީރު ވިދާޅުވީ، ރައީސްގެ ބައިވެރިވެވަޑައިގަތުމުން ހާމަވަނީ ޗައިނާއާއެކު އޮންނަ ޒަމާންވީ ގުޅުމަށާއި އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމަށް ދިވެހި ސަރުކާރުން ދެއްވާ ޚާއްޞަ އިސްކަން ކަމަށެވެ. އަދި މި ފޯރަމް އިންތިޒާމުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ކަމަށްޓަކައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދަށާއި ކަމާގުޅުންހުރި އިދާރާތަކަށްވެސް ސަފީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
"އައު ފެންވަރުގެ އުފެއްދުންތެރި ބާރުތަކާއެކު ތިމާވެއްޓާ ރައްޓެހި ފެހި، ނޫ އަދި ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުމަށް ގުޅިގެން މަސައްކަތްކުރުން" މި ޝިޢާރުގެ ދަށުން ކުރިއަށްދިޔަ މި ފޯރަމަކީ، ކުރިމަގުގައި ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މުހިންމު ދާއިރާތަކެއް ކަނޑައަޅައިދިން ވަރަށް މުހިންމު ފޯރަމެއް ކަމުގައި ސަފީރު ފާހަގަކުރެއްވިއެވެ.
ސިނަމާލެ ބްރިޖްގެ ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، އެ ބްރިޖްގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށާއި ޤައުމުގެ އިޤްތިޞާދަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި އެ ކާމިޔާބީގެ އަލީގައި މުސްތަޤްބަލަށްޓަކައި އެކުވެރިކަމުގެ އައު ފާލަމެއް ބިނާކުރަންޖެހޭ ކަމަށާއި، ރައީސް ޑރ. މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން "ފުރިހަމަ އިސްތިރާތީޖީ އެއްބާރުލުމުގެ ބައިވެރިވުމަކަށް" މަތިކުރެވިގެންދިއުމަކީ މި ފާލަމުގެ ސިޔާސީ އަދި އިޤްތިޞާދީ ބިންގާ އިތުރަށް ވަރުގަދަކޮށްދިން މުހިންމު ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ޒަމާނީ ޓެކްނޮލޮޖީއާއި އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމާއި، ހަކަތައާއި، ދަތުރުފަތުރުގެ ދާއިރާއިން ރާއްޖެއަށް ފަހިވެގެންދާނެ ފުރުޞަތުތަކުގެ މައްޗަށްވެސް ސަފީރު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ސްމާޓް ގްރީންހައުސްތަކާއި ހައިޑްރޯޕޯނިކްސް މެދުވެރިކޮށް ދަނޑުވެރިކަން ކުރިއެރުވުމާއި، އަވިން ހަކަތަ އުފައްދައިގެން ސަރުކާރުން ކަނޑައަޅާފައިވާ %33 އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑި ޙާޞިލުކުރުމަށް ޗައިނާއަށް އެހީތެރިވެވިދާނެ ކަމަށް ވިދާޅުވިއެވެ. އަދި އީ-ވީޓީއޯއެލް އަދި ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތައް ތަޢާރަފުކޮށްގެން ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުމުގެ ޚަރަދު ކުޑަކުރެވިދާނެ ކަމަށްވެސް ސަފީރު ކޮންގް ޝިންހުއާގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ.