ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން އެކަށައަޅާފައިވާ "ވިޝަން 2040" ގެ ދުރު ރާސްތާ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި، ރާއްޖޭގައި ހުރި ފަހި ފުރުސަތުތަކުގެ ބޭނުންހިފައި އިންވެސްޓްކުރުމަށް ޗައިނާގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައުވަތު އަރުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދައުވަތު އެރުވީ "މޯލްޑިވްސް އެކްސްޕޯ 2026" އާ ގުޅުވައިގެން ބޭއްވި "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެ މިހާރު ދަތުރުކުރަމުން ދަނީ ގައުމީ ތަރައްގީގެ ތާރީހީ އައު މަރުހަލާއެއްގައި ކަމަށާއި، ސަރުކާރުގެ އެންމެ އިސް އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖެއަކީ ފުރިހަމަ ފުދުންތެރިކަން ލިބިފައިވާ ދައުލަތަކަށް ހެދުން ކަމަށެވެ. އަދި މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އިގްތިސާދު އެއް ދާއިރާއަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިގްތިސާދު ސިންދަފާތުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންވެސްޓަރުންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ވޭތުވެދިޔަ 40 އަހަރު ދުވަހު އަމަލުކުރަމުން އައި ބޭރުގެ އިންވެސްޓްމަންޓްތަކާ ބެހޭ ގާނޫނު އުވާލައި، ޒަމާނާ އެކަށޭނަ އައު ގާނޫނެއް ތައާރަފުކޮށްފައިވާކަން އިއުލާނުކުރައްވާފައެވެ. އަދި ޒިންމާދާރު އަދި ދެފަރާތަށް ފައިދާހުރި ދުރު ރާސްތާގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔުމަށް ރާއްޖެ ފުރިހަމައަށް ތައްޔާރަށް އޮތް ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
ރާއްޖޭގެ ތަރައްގީގެ މިސްރާބު ބައްޓަންކުރެވިފައިވާ ގޮތް ތަފްސީލުކޮށްދެއްވަމުން، އިންވެސްޓްމަންޓްތަކަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭ މުހިންމު ދާއިރާތަކުގެ ތެރޭގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ޒަމާނީ ލޮޖިސްޓިކްސް އަދި ދަތުރުފަތުރުގެ ނިޒާމުގެ އިތުރުން ޑިޖިޓަލް ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސާއި، ސްމާޓް އިންފްރާސްޓްރަކްޗަރ އަދި ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ސިޓީތައް ބިނާކުރުން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖެއިން ބޭނުންވަނީ ހަމައެކަނި މާލީ އިންވެސްޓްމަންޓްތަކެއް ނޫން ކަމަށެވެ. "އަޅުގަނޑުމެން އެދެނީ ހަމައެކަނި މާލީ އިންވެސްޓްމަންޓްތަކެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އައު ސިނާއަތްތައް އުފެދި، ދިވެހިންގެ ފަންނީ ގާބިލުކަން އިތުރުވެ، ވަޒީފާގެ އައު ފުރުސަތުތައް ފަހިވެގެން ދިއުން،" ރައީސް ވިދާޅުވިއެވެ.