ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ހެޔޮ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދައުލަތުގެމީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
މި ދަތުރުފުޅަކީ ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި ރާއްޖޭގެ އިސްވެރިއަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ދެ ޤައުމަކީވެސް މުސްލިމް ދެ ޤައުމަށްވުމުން އޮތް ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ އަވަށްޓެރި ޤައުމުތަކުގެ ތެރެއިން ޕާކިސްތާނަށް ލިބިގެންވާ ޚާއްސަ ސިފައެއް ކަމަށާއި، މި ދަތުރުފުޅު އެ ޤައުމުން ބަލައިގަތީ ވަރަށް ބޮޑު އުފަލަކާއެކު ކަމަށެވެ.
ދަތުރުފުޅުގެ މައިގަނޑު އެއް މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ހިންގޭ ވިޔަފާރީގެ މުޢާމަލާތްތައް 200 މިލިޔަން ޑޮލަރަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ވައިގެމަގުންނާއި ކަނޑުމަގުން ދަތުރުފަތުރުގެ ނިޒާމު ގުޅާލުމަށް އަވަސް މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ މުސްތަޤުބަލުގެ ކުރިއެރުމަށް އެކި ދާއިރާތަކުން މުހިންމު ނިންމުންތަކެއް ނިންމައި، 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި އެއްބަސްވުންތަކުގެ ސަބަބުން އެކި ދާއިރާތަކަށް އިތުރު ހަކަތައާއި ކުރިއެރުން ލިބިގެންދާނެއެވެ. އަދި ސަރުކާރުގެ މައިގަނޑު އަމާޒަކީ މި ދަތުރުފުޅުގެ ސަބަބުން ލިބޭ ފައިދާތައް ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.