ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާއެކު ފެށިގެންދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ކަމަށާ، ކުރިއަށް އޮތް 2 އަހަރު ދުވަހަކީ، ތާރީޚު ދެކެފައި ނުވާ މިންވަރަށް، ދިވެހި ރައްޔިތުންނަށް ފުރަތަމަ ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެ ދުވަސްތަކެއް ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މި މޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ ދައުލަތުގެމީޑިއާއިން ގެނެސްދެއްވާ "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، އަދި އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެންމެ ބޮޑު އެއް މަސައްކަތަކީވެސް ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުންކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. މި މޭރުމުން މިވަގުތު ކުރިއަށްދާ އެންމެ ބޮޑު މަޝްރޫޢުގެ މަސައްކަތްތަކާ ގުޅިގެން އެއްވެސް އަސާސެއް ނެތި މުޖުތަމަޢުގައި ފެތުރޭ ބައެއް އަޑުތަކާއި އެކަމުގެ ޙަޤީޤަތުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލެއްވިއެވެ. ހުރިހާ ކަމަކާ ދެކޮޅަށް ތެދުވާ ބަޔަކު އުޅުނު ކަމުގައި ވީ ނަމަވެސް، ކަންކަމުގެ ރަނގަޅު ގޮތާއި ގޯސް ގޮތަކީ ކޮބައިތޯ ބަލާ، އެތަނުން ރަނގަޅު ގޮތް ޚިޔާރުކުރާ ބަޔަކުވެސް މުޖުތަމަޢުގައި އުޅޭކަން ފާހަގަކުރައްވާ، މިފަދަ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަސްމާލޭގައި ކުރިއަށްގެންދެވޭ ތަރައްޤީގެ މަޝްރޫޢުގެ ސަބަބުން، ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށާ، މިކަމުގައި އޮތީ ފައިދާކަމުގެ ޔަޤީންކަން ތަކުރާރުކުރައްވާފައެވެ.
މި ރޫޙުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގައި ހަމަ މިމައުލޫއަށް ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ދެއްވި ތަފްސީލުތައް މިރޭވެސް ހިއްސާކުރައްވާފައެވެ. އަދި މަޝްރޫޢު ކުރިއަށްގެންދާ ގޮތާމެދު ރައްޔިތުންގެ ހިތުގައި ފިތުނައާއި ބިރުވެރިކަން އުފެދޭ ގޮތަށް، ދެކެވޭ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތްކަން ހާމަކުރައްވައި، އިޒްރޭލާ ދެކޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުން މިސާލު ޖައްސަވަމުން، އެކަން އެގޮތަށް ކުރައްވަމުން ގެންދަވާނެ ކަމުގެ ކަށަވަރުކަން ދެއްވާފައިވެއެވެ.
ރަސްމާލޭގައި ބޭރުގެ ފަރާތަކުން އިންވެސްޓްކުރުމުގެ ސަބަބުން ތަރައްޤީ އިތުރަށް ކަށަވަރުވެގެންދާ މަގުތައް ބަޔާންކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިފަދަ މަޝްރޫޢެއްގެ ސަބަބުން، ދިވެހިރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމުގެ ފުރުޞަތު ހަނިވެގެންނުދާނެކަމުގެ ޔަޤީންކަން ތަކުރާރުކުރައްވާފައެވެ. އަދި ރަސްމާލެއިން ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ހުރިހާ ގިންތިއަކުން ޝަރުތުހަމަވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަމުގެ ޔަޤީންކަން އެބައޮތްކަންވެސް، ޕޮޑްކާސްޓްގެ މި އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މި ފަދަ ބިޔަ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ބޮލުގައި އެއްވެސް ދަރަންޏެއް ނޭޅޭނެ ފަދަ އީޖާދީ އުޞޫލުތަކެއްގެ ދަށުންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. ފިއުޗަރ ރެވެނިއު ބޭނުންކޮށްގެން ނުވަތަ ބިން ދޫކުރާ އުޞޫލުން އިންވެސްޓަރުން ލައްވާ ކުރިއަށްގެންދާ މި މަސައްކަތްތަކަކީ ސީދާ ރައްޔިތުންނަށް އޭގެ ހެޔޮ ލާބަޔާއި މަންފާ ލިބޭނެ ކަންތައްތަކެއް ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަކުރާރުކޮށް، ދެއްވާފައެވެ.