ސަރަޙައްދީ ކަންކަމުގައި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސަޢޫދީއާއެކު: މަޖިލީހުގެ ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
ސަރަޙައްދީ ކަންކަމުގައި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސަޢޫދީއާއެކު: މަޖިލީހުގެ ރައީސް

ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި ސަރަޙައްދީ ސަލާމަތީ މަޝްރަހާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަޢޫދީ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.

ސަޢޫދީ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ކުރެއްވި މި އިޙްތިރާމުގެ ޒިޔާރަތުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އިސްލާމީ އަޚުވަންތަކަމާއި އެއްގޮތް އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމުގެ މައްޗަށް ދެ ބޭފުޅުންވެސް އަލިއަޅުއްވާލެއްވިއެވެ. އަދި މި އަހަރުގެ ތެރޭގައި ކުރެވުނު މަތީ ފަންތީގެ ޒިޔާރަތްތަކަކީ ދެ ޤައުމުގެ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު މުހިންމު ފުރުޞަތެއްކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސަރަޙައްދީ ސުލްޙައާއި ހަމަޖެހުން ޤާއިމުކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތަކާއި، ހޫޘީންގެ ހަމަލާތަކުގެ ސަބަބުން ޔަމަނަށް ކުރިމަތިވެފައިވާ އިންސާނީ ގޮންޖެހުންތަކާ ބެހޭގޮތުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ. މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް ވިދާޅުވީ، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސަޢޫދީ ޢަރަބިއްޔާއާއެކު ކަމަށާއި، ސަރަޙައްދީ ކަންކަމުގައި ޤައުމުތަކުގެ މެދުގައި އޮންނަ މަޝްވަރާއާއި އެއްބާރުލުން ދެމެހެއްޓުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމުގައެވެ.

މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ، ބަރުލަމާނީ އަދި ސަޤާފީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، އެކުވެރިކަން ވަރުގަދަކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސަޢޫދީ ސަފީރު ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުޤައްރިރު ޙަސަން ޒަރީރު ވެސް ވަނީ ދެ ޤައުމުގެ ގުޅުމުގެ މައްޗަށް ވާހަކަދައްކަވައި، ދާދިފަހުން ޢަމަލުކުރަން ފެށުނު އެއްބަސްވުންތަކާއެކު މި ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މެންބަރުންގެ އިތުރުން މަޖިލީހުގެ އަމީން ޢާންމު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން