ދުނިޔޭގެ ގިނަބައަކު ހިތްފުރިގެން ތިބެ ދިރިއުޅެމުން އަންނަ ފެންވަރަށް ވިސްނާނަމަ ފަޤީރުވެ ކަންބޮޑުވާކަށް ނުޖެހޭނެ! ޝުކުރުން ހިތްފުރޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދުނިޔޭގެ ގިނަބައަކު ހިތްފުރިގެން ތިބެ ދިރިއުޅެމުން އަންނަ ފެންވަރަށް ވިސްނާނަމަ ފަޤީރުވެ ކަންބޮޑުވާކަށް ނުޖެހޭނެ! ޝުކުރުން ހިތްފުރޭނެ!

މިރޭވެސް ފުރަތަމަ ބުނެލަން ބޭނުންވަނީ އިންސާނާގެ ތަނަވަސްކަން ގުޅިފައިވަނީ ހިތާއިއެވެ. ދުނިޔޭގެ ގިނަ ބައަކަށް ބަލައިފިނަމަ ހިތްފުރިގެން ތިބޭ ގިނަ މީހުންނަކީ އެންމެ އިރަކު ކައިގެން ތިބޭ މީހުންނެވެ. އެވަރު މަދުވެ ކަންބޮޑުވެގެނެއް އެމީހުންނެއް ނުއުޅެއެވެ. ތަނަވަސްކަން ބޮޑުވާ ވަރަކަށް ހިތްނުފުރުމުގެ މައްސަލަ ބޮޑުވެއެވެ.  

ޔަޤީންކުރާށެވެ! ހައިހޫނުކަން ފިލުވައިލެވޭވަރަށް ކައިގެން ހުރެވޭނަމަ، ނިދާނެ އެނދެއް ހުރިނަމަ، އަޢުރަ ނިވާކުރެވޭނެ ވަރަށް ފޭރާން ލިބިފައިވާނަމަ ތިބާ ހިމެނޭނީ ދުނިޔޭގައި އުޅޭ މީހުންގެ ތެރެއިން 75 އިންސައްތަ މީހުންނަށްވުރެ ތަނަވަސްކަން ލިބިފައިވާ މީހަކު ކަމުގައެވެ.  

ދެން ލިސްޓަށް އިތުރުކޮށްލާށެވެ! ގައިގައި ވަރުއެބަހުރިކަމާއި ބަލިވެ އެނދެއްގައި އޮންނަން ނުޖެހޭކަމެވެ. ދެލޮލަށް ފެނުމުގެ ނިޢުމަތް ދެއްވަވާފައިވާ ކަމެވެ. ޙަޔާތަށް ހެޔޮލަފާ ބައިވެރިއަކު ލިބިފައިވާ ކަމެވެ. ދަރިން ލިބިފައިވާ ކަމެވެ.  

އަދިވެސް ބުނަން ހެއްޔެވެ؟ ކޮންމެހެން ފައިސާ މަތީގައި އުދުހެވުމެއް ނޫނެވެ. ތިމާކުރަން ބޭނުންވާ ކަންކަން ކޮށްލައިގެން އުޅެވޭނަމަ ތިބާ ހިމެނޭނީ ދުނިޔޭގެ ޢާބާދީގެ މުއްސަނދި 18 އިންސައްތަ މީހުންގެ ތެރޭގައެވެ.  

ދެން ނިކަން ބުނެބަލާށެވެ! ތިމާއަކީ ފަޤީރަކު ކަމަށްވެގެން ޝަކުވާކުރުމުގެ ޙައްޤު އޮތީ ކިތައް މީހުންނަށް ހެއްޔެވެ؟ ތިބާ އަކީ ފަޤީރަކު ކަމަށް ބުނެވެން އެބައޮތްހެއްޔެވެ؟  

މީސްތަކުންނޭވެ! ﷲ ތަޢާލާ ދެއްވަވާފައިވާ މިންވަރަށް ޝުކުރުވެރިވާށެވެ! ތަނަވަސްކަން އިތުރުކުރަން ތެޅިފޮޅުމުގެ ބަދަލުގައި އާޚިރަތް ލިބިގަންނަން ކުރާ މަސައްކަތް އިތުރުކުރާށެވެ. އެއިރުން ދުނިޔޭގައިވެސް ތިބާއަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން