އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް، ދައުލަތުގެ ބަޖެޓުގެ ގޮތުގައި 59.7 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. މިއީ މިއަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، މި ބަޖެޓުގެ އެންމެ މައިގަނޑު އަމާޒަކީ 2040 ވަނަ އަހަރު ރާއްޖެއަކީ ކުރިއަރާފައިވާ ޤައުމަކަށް ހެދުމަށް އެކުލަވާލަމުންދާ ޤައުމީ ތަރައްޤީގެ ޕްލޭންގެ ސިޔާސަތުތަކުގެ ބިންގާ އެޅުން ކަމަށެވެ. އަދި މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ދަމަހައްޓައި، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަކީވެސް މި ބަޖެޓުން ޚާއްޞަ އިސްކަމެއް ދީފައިވާ މުހިންމު ކަންކަން ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖުމްލަ 59,704,440,795 ރުފިޔާގެ ބަޖެޓުގެ ޖުމްލަ ޚަރަދަކީ 52.6 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ހިމެނެނީ ހިންގުމުގެ ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވާ 42.7 ބިލިއަން ރުފިޔާއާއި، ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތަކަށް ހިމަނާފައިވާ 9.9 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ސަރުކާރުން ހާމަކުރި ގޮތުގައި ދައުލަތުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް، އިންވެސްޓްމަންޓްތައް ރޭވުމާއި ތަންފީޒުކުރުން މި ބަޖެޓުގެ ސަބަބުން އިތުރަށް ހަރުދަނާވެގެންދާނެއެވެ.
އަންނަ އަހަރު ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ މިއަހަރާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. މެދުރާސްތާގެ އަންދާޒާތަކަށް ބަލާއިރު 2028 ވަނަ އަހަރު 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 49.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
މި ބަޖެޓުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އެއްވެސް އައު ޓެކުހެއް ނުނެގުމަށާއި، ރައްޔިތުންގެ އަތުން ނަގާ އެއްވެސް ޓެކުހެއްގެ ރޭޓު މަތިނުކުރުމަށް ނިންމާފައިވާ ނިންމުމެވެ. އޭގެ ބަދަލުގައި ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ރާވާފައިވަނީ ޓެކްސް ނިޒާމުގެ ހިންގުން ހަރުދަނާކޮށް، ލޫޕްހޯލްތައް ބައްދައިގެންނެވެ.
އެގޮތުން ޤާނޫނުތަކާއި ގަވާއިދުތަކަށް ޢަމަލުކުރާ މިންވަރު އިތުރުކުރުމަށްޓަކައި ”މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް“ ގެ ދައުރު ފުޅާކުރުމާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޒަމާނީ ”އީ-އިންވޮއިސިންގ“ ނިޒާމެއް ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ފައިސާ ފުރިހަމައަށް ލިބި، މާލީ ނިޒާމު އިތުރަށް ބަދަހިވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.