ޞިއްޙީ ޚިދުމަތް ހޮސްޕިޓަލުގެ ހަތަރު ފާރުން ބޭރަށް ފުޅާކޮށް، ކޮމިއުނިޓީ ނާސިން ހަރުދަނާކުރަންޖެހޭ: ވަޒީރު ރާފިޢު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ޞިއްޙީ ޚިދުމަތް ހޮސްޕިޓަލުގެ ހަތަރު ފާރުން ބޭރަށް ފުޅާކޮށް، ކޮމިއުނިޓީ ނާސިން ހަރުދަނާކުރަންޖެހޭ: ވަޒީރު ރާފިޢު

ރާއްޖޭގެ ޞިއްޙީ ނިޒާމުގައި ކޮމިއުނިޓީ ނާސިންގެ ދައުރު ވަރަށް ބޮޑު ކަމަށާއި، ޞިއްޙީ ޚިދުމަތް ހޮސްޕިޓަލުތަކުގެ ހަތަރު ފާރުން ބޭރަށް ފުޅާކޮށް މި ޚިދުމަތް މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށް ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ބަލިމީހުންނަށް ޒިޔާރަތްކޮށްގެން ދޭންޖެހޭ ޚިދުމަތްތައް އިތުރުވަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން، ނަރުހުން ރައްޔިތުންނާ ވީހާވެސް ގާތުން އަދާކުރަނީ ނުހަނު އަގުހުރި ޚިދުމަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަރުސްކަމަކީ ހަމައެކަނި ވަޒީފާއެއް ނޫން ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެއީ ޢިލްމީ އޯގާތެރިކަމާއި ޒިންމާދާރުކަމުގެ އިތުރުން ފުރިހަމަ އިތުބާރެއްގެ މައްޗަށް ބިނާވެފައިވާ މަތިވެރި ޚިދުމަތެއް ކަމަށެވެ. އަދި ބަލިމީހުންނާއި އެމީހުންގެ ޢާއިލާތަކާ އެންމެ ގާތުން މަސައްކަތްކުރާ ބަޔަކަށްވާއިރު، ބަލިމީހުންގެ ދުޅަހެޔޮކަމާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގައި ދެމެހެއްޓެނިވި ބޮޑު ބަދަލެއް ގެނައުމުގެ ބާރު ނަރުހުންނަށް ލިބިގެންވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ އޮނިގަނޑަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވަމުންދާ ކަމަށެވެ. އަދި އިންސާނުންގެ އުމުރު ދިގުވުމާއެކު، ދިގުމުއްދަތަށް ފަރުވާދޭންޖެހޭ ބަލިތަކާއި، ރިހިބިލިޓޭޝަން ދިނުމާއި، އަލުން މުޖުތަމަޢަށް ނެރުމަށް ބޭނުންވާ ފަރުވާއާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ބޭސްފަރުވާ ބެލެހެއްޓުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ދެކެންވީ އުމުރުން ދުވަސްވުމަކީ ހަމައެކަނި ބަލިމަޑުކަމާއި އެހެންމީހުންނަށް ބަރޯސާވާންޖެހޭ ކަމެއްގެ ގޮތުގައެއް ނޫން. އުމުރުން ދުވަސްވީ މީހުންގެ ކަރާމާތާއި ދިރިއުޅުމުގެ ފެންވަރު ހިފެހެއްޓުމުގައި ނަރުހުން އަދާކުރަނީ މުހިންމު ދައުރެއް،" ވަޒީރު ވިދާޅުވިއެވެ.

މިފަދަ ބަދަލުތަކާ ގުޅިގެން، ކުރިއަށް އޮތްތަނުގައި މުޅި ޞިއްޙީ ނިޒާމުގެ ތެރޭގައި ހުނަރުވެރި ނަރުހުންގެ ބޭނުންތެރިކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށް ވަޒީރު ވަނީ ލަފާކުރައްވާފައެވެ.

މިއަދު އޮންލައިން